ނިމިގެންދިޔަ ރޯދަމަހަށް ތައްޔާރުވުމުން ފެށިގެންގޮސް، ފިތުރުޢީދާއި، ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅާ ގުޅިގެން ވާންޖެހުނު ތައްޔާރީތަކުގައި ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ.
ރޭގަނޑުގެ ފަރިއްކޮޅަކާއެކު، ގޮމަވަތީގައި ކުރިއަށްދިޔަ މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ. ރައީސްގެ ވާހަކަފުޅުގައި، ކައުންސިލުން ކުރިއަށް ގެންދާ ކޮންމެ ހަރަކާތެއްވެސް ކާޟިޔާބު ކަމާއެކު ކުރިއަށް ގެންގޮސްދެއްވުމުގައި ކައުންސިލްގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާކަން ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ނަމޫނާ މަސައްކަތްތަކެއް ފެނިގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ހުރިހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ކައުންސިލްގެ މުވައްޒަފުންނަކީ ނަމޫނާ ބައެއްގެ ގޮތުގައި ފެނިގެންދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މުވައްޒަފުން ގޮވައިގެން، އެއްވެސް ވަރުބަލިކަމެއް ނެތި ކަންކަން ތަރުތީބުކުރެއްވުމުގައި އިދާރީ ވެރިން ކުރައްވާ ބުރަ މަސައްކަތަށްވެސް ކައުންސިލްގެ ރައީސް އަލީ އަޙުމަދު ޝުކުރު އަދާކުރެއްވިއެވެ.
