ފ.ނިލަންދޫ ކައުންސިލްގެ ރައީސާއި އެރަށުގެ ބޭފުޅުންނާ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ރަށުގައި ޤާއިމުކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މަސްފެކްޓަރީގެ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީގެ ފަރާތުންވަނީ ޙިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މި މަޝްރޫއުގެ ސަބަބުން މި ސަަރަޙައްދަށް އިޤްތިޞާދީ ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ ރަށާއި ދާއިރާއާއި މުޅި ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫއެއްކަމަށާއި މިކަމަށް ނިލަންދޫ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފ. ނިލަންދޫގައި މަސް ޕްރޮސެސްކުރާ ފެކްޓަރީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމަށް ނިންމައި، ސަރުކާރުން އެކަން ނިލަންދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދާނެ ސަރަޙައްދަކާ ގުޅޭގޮތުންނާއި މަޝްރޫޢާ ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރެއްވުމަށް ނިމިދިޔަ ހަފްތާގައި މިނިސްޓްރީގެ ޓީމެއް ނިލަންދޫއަށް ވަޑައިގަންނަވާފައިވެއެވެ. އަދި މަސްފެކްޓަރީ ގާއިމްކުރުުމަށް ގާތްގަނޑަކަށް 7 ހެކްޓަރުގެ ސަރަހައްދެއްވަނީ ފާހަގަކުރައްވާފައެވެ.
މިހާރުވެސް މި ސަރަހައްދުގައި މަސް ކިރާ ނިސްބަތަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަސް ކިރަމުންދަނީ ފ.ނިލަންދޫއަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
