ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށުގެ ގިނަ މަގުތަކެއްގައި ބޯކޮށް ފެންހެދި އެކަމުގެ ދަތި އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާތީ، އެކަން ކުޑަކުރުމަށް ރަށުގެ މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތް ފަށިފިއެވެ. ރައްޔިތުން ދިރިއުޅޭ ހިސާބުތަކުގައި ހުރި މަގުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ވެލި ފަތުރާފައިވަނީ މަގުތަކުގައި ފެންހެދި އެކަމުގެ ސަބަބުން ޗަކަ ހެދި، ފެހި ޖަހާފައި ހުރި ސަރަހައްދުތަކުގައި ކަމަށް ކައުންސިލް މެމްބަރު އަޙްމަދު ސިޔާމް ވިދާޅުވިއެވެ. ވެލި ފެތުރުމުގައި ބޮޑަށް ސަމާލުކަން ދެނީ އާންމުންނަށް އެންމެ ދަތިވާގޮތަށް ހުރި ސަރަހައްދުތަކަށް ކަމަށާއި، މަގުތަކުގައި ފެންހެދުމުގެ ސަބަބުން އެކަމުގެ ދަތި އުނދަގޫ ފޯރާގޮތަށް ހުރި ހުރިހައި ސަރަހައްދެއްގައި ވެލި ފެތުރުމަށް މަސައްކަތް ކުރައްވާނެކަމަށް މެމްބަރު ސިޔާމް ވިދާޅުވިއެވެ.
”މިހާރުވެސް އާންމުންގެ ބައެއް ފަރާތްތަކުން އެބަ ޝަކުވާ ކުރޭ ދަތިވާތީ. ކައުންސިލުން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ހިނގާބިނގާވެ އުޅެލެވޭވަރަށް ނަމަވެސް މަގުތަކުގައި ވެލި ފަތުރާލެވޭތޯ.“ މެމްބަރު ސިޔާމް ވިދާޅުވިއެވެ.
ދިރާސީ އާއަހަރު ފެށުމާއެކު ސްކޫލު ސަރަހައްދަށް ގިނަ ބަޔަކު އެއްވެ މަޑުކުރާނެތީ، އިއްޔެ އެސަރަހައްދުގެ ބައެއް މަގުތަކުގައި ވެލި ފަތުރާފައިވާއިރު، މިއަދުވެސް ސްކޫލް ސަރަހައްދުގެ ބައެއް އެހެން މަގުތަކުގައި ވަލިފަތުރާފައިވެއެވެ.

މަގުތަކުގައި ވެލި ފެތުރުމުގެ މަސައްކަތްތަކުގެ ތެރެއިން މި ހަފްތާގެ އަންގާރަ ދުވަހު ކައުންސިލްގެ ގިނަ އިދާރީ މުވައްޒަފުންވެސް މި މަސައްކަތުގައި ބައިވެރިވެގެން މަސައްކަތް ކުރިއަށްދާގޮތަށް މިހާރުވަނީ ނިންމާފައެވެ.
މޫސުން ގޮސްވުމުގެ ސަބަބުން ރަށުގެ ބޮޑު ބަނދަރު ސަރަހައްދުން އުދަ އަރައި އާންމުން ދިރިއުޅޭ ސަރަހައްދާ ހަމައަށް ލޮނުގެ އަސަރުކޮށް، ފެންބޮޑު ވުމުގެ ސަބަބުން ކޯރު ކަނޑައިގެން އެސަހަރައްދުގައި ފެންބޮޑުވުން ހުއްޓުވުމަށްވެސް މީގެ ދެދުވަހެއްކުރިން ވަނީ މަސައްކަތް ކޮށްފައެވެ.

