ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫގައި ދަތުރުދިޔުމަށް 2 ސަރަޙައްދެއް ތަރައްޤީކޮށްފި

ފ. ނިލަންދޫ ކައުންސިލްގެ އިސްނެގުމާއި މުވައްޒަފުންގެ ބައިވެރިވުމާއިއެކު، ރައްޔިތުންނަށް ދަތުރުދިޔުމަށް ބޭނުންކުރެވޭނެ ދެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާލައިފިއެވެ. މި މަސައްކަތް ނިންމާލާފައިވަނީ 09 ޖުލައި 2024 ވީ އަންގާރަ ދުވަހުއެވެ.

ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ދެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށް އާއިލާއާއެކު ހިތްހަމަޖެހޭ، އަމާން އަދި އޮމާން މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެ ތަނެއް ހެދުމެވެ. އަދި މިއީ ކުރިން ދަތުރުދިޔުމަށް ބޭނުންކުރަމުން އައި ސަރަޙައްދު އެއާޕޯޓް މަޝްރޫޢުގެ ބިން ހިއްކުމަށް މަޝްރޫޢު ކުރިއަށްދާތީ، އެ ސަރަޙައްދު ބޭނުން ނުކުރުމަށް ކައުންސިލުން އަންގާފައިވުމާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ދެ ސަރަޙައްދުގައި ރައްޔިތުންނަށް އަރާމުކޮށް އިށީނދެ އުޅެވޭނެ ގޮތަށް ބެންޗުތަކާއި ޖޯލި ބަހައްޓާފައިވާ އިރު، ކުޑަކުދިންނަށް ކުޅެން އެކަށޭގޮތަށް ޖާގަވަނީ ތަރައްޤީ ކުރެވިފައެވެ. އަދި ދަތުރުގޮސް އުޅޭއިރު ބޭނުންކުރުމަށް ފެނަވަޅެއްވެސް ބެހެއްޓިފައިވެއެވެ. އަދި ކުރިއަށް އޮތް މުސަތަޤުބަލުގައި ރޭގަނޑު ވަގުތުތަކުގައިވެސް މި ސަރަޙައްދުތައް ބޭނުންކުރެވޭނެ ގޮތަށް އެކަށީގެންވާ އަލިކަން ލިބޭނެހެން ބައްތިތައް ހަރުކޮށްއަލިކުރުމަށް ކައުންސިލްގެ ވިސްނުންހުރި ކަމަށް، ކައުންސިލް ރައީސް މަޢުލޫމާތު ދެއްވިއެވެ.

މި ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަށާއި، ތަނަށް އެއްވެސް ގެއްލުމެއް ނުދިނުމަށް ކައުންސިލްގެ ރައީސް ވަނީ އިލްތިމާސް ކުރައްވާފައިވެއެ. އަދި މިއީ  ހުރުހައި ރައްޔިތުންގެ ބޭނުމަށް ތަރައްޤީކޮށްފައިވާ ތަނަކަށްވާތީ، މިތަންތަން ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއްގެ ކަމުގައި ހެދުމަށް ރައީސް ގޮވާލެއްވިއެވެ.

މި ދެ ސަރަޙައްދު ތަރައްޤީކުރުމާ ގުޅިގެން ރަށުގެ ގިނަ ރައްޔިތުން ވަނީ މިސަރަޙައްދުތަށް ބޭނުންކުރަން ފަށައި  ، ކައުންސިލްގެ މި މަސައްކަތަށް ތަޢުރީފުކޮށްފައެވެ. އަދި މިފަދަ ތަންތަން ހެދުމަކީ ރަށުގެ އިޖްތިމާޢީ ގުޅުން ބަދަހިވެ، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

 

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016