މުހިންމު މައުލޫމާތުތަކެއް ރައްޔިތުންނާއި ހިއްސާކޮއްލުމުގެ ބޭނުމުގައި 2024 ޖުުލައި 08 ވަނަދުވަހު ނިލަންދޫ ކައުންސިލުންވަނީ ނިލަންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވާފައިވަނީ ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙުމަދު އަދި ކައުންސިލްގެ މެންބަރު އަޙްމަދު ޝިޔާމެވެ. ބައްދަލުވުމުގައި މުހިންމު 5 ކަމެއްގެ މައްޗައް އަލި އަޅުވާލެވިފައިވެއެވެ. އެގޮތުން އެއާޕޯޓު ސަރަހައްދުގައި މަސައްކަތަށް ދަތިވާގޮތަށް މީހުން ގޮސް އުޅޭ ކަމަށް މަސައްކަތް ކުރަމުންދާ ފަރާތުން މައުލޫމާތު ދެއްވާފައިވާތީ އެކަން އެގޮތައް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެވުނެވެ. އަދި ހަމައެހެންމެ ރަށުގައި ދަތުރުދާ ސަރަހައްދުގައި އެއާޕޯޓު ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާތީ އެސަރަހައްދުގެ ބަދަލުގައި ރަށުގެ އިރުދެކުނުން 02 ސަރަހައްދެއް ތަރައްގީކުރެވިފައިވާކަމަށް ރައްޔިތުންނަށް މައުލޫމާތު ދެވިފައިވެއެވެ.


މީގެ އިތުުރުން މެންބަރު ޝީޔާމްގެ ވާހަކައިގައި ގޭގޭގައި ކުނި ވަކިނުކޮށް ހުރުމާއި މަގުމަތީގައި ކުނި ބަހައްޓާ މައްސަލައާއި އަދި ބައެއް ގޭބިސީތަކުންނާއި، މިނޫންވެސް ކުންޏަށް ރަޖިސްޓްރީ ކޮއްފައިވާ ބައެއް ތަންތަނުން ކުނީފީ ނުދައްކާކަމަށް މައުލޫމާތުދީ މަހުން މަހަށް ކުނީފީ ދެއްކުމަށް ހަނދާންކޮއްދެވިފައިވެއެވެ. އަދި ހަމައެހެންމެ ގޯތި ކޮމެޓީއަށް އާންމުންގެ ތެރެއިން ނަގަންޖެހޭ 02 މީހުން ނެގުމަށް (15 އޭޕްރީލް 2024) (IUL) 374-C/374/2024/24 ކޮއްވާފައިވާ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރެވިފައިވާކަމަށް މައުލޫމާތު ދެވުނެެވެ. އަދި ރައްޔިތުންގެ ތެރެއިން ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތެއް ހުރިތޯ ބަލައި މިކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް އެދުނެވެ. ބައްދަލުވުން ނިންމާލަމުން، ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފާރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެގޮތުގައި ދެމިތިބުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
