2026 ވަނަ އަހަރު ނިމެންވާއިރަށް އާއްމު ބަލިތަކަށް ބޭނުންވާ ހުރިހާ ބޭހެއް ބަލްކު ޕްރޮކިއުމަންޓް ސިޔާސަތުގެ ދަށުން ރާއްޖެއިން ހެޔޮއަގުގައި ލިބޭނޭގޮތް ހަދައިދޭނެކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ ވަލީދު މިހެން ވިދާޅުވެފައިވަނީ އެންސްޕާއިން ދެމުން ގެންދާ ޚިދުމަތްތަކަށް ދިވެހީން އަހުލުވެރި ކުރުވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ފ. ނިލަންދޫ ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. 2024 ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮމަވަތި ހޯލުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި އެންސްޕާއިން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ނަފްހާއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޤައުމީ ދަފްތަރާބެހޭ ގޮތުން މަޢުލޫމާތު ދެއްވީ އެސިސްޓެންޓް ޑިރެކްޓަރ ސުފްނާއެވެ.
