ފ. ނިލަންދޫ ކައުންސިލް އިދާރާއިން އާއްމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ގާތުން ޚިދުމަތް ދިނުމަށް ގެންގުޅެމުންދާ ސިޔާސަތުގެ ދަށުން އާއްމު ރައްޔިތުންނަށް ހައްދައިދެމުންގެންދާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ކައުންސިލުން ޕްރިންޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށައިފިއެވެ. 2024 ޖުލައި 28 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވެފައިވަނީ ނިލަންދޫގައި އައިޑީކާޑު ޕްރިންޓް ކުރެވޭނެ ނިޒާމެއް ޤާއިމްކުރެވިއްޖެނަމަ ނިލަންދޫގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅުގެ ގިނަ ރައްޔިތުންތަކަކާއި އދ. އަތޮޅުގެ ގިނަ ރައްޔިތަކަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އަދި މިކަމުގައި ކައުންސިލުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ. މިބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ފަރާތުން ބައިވެރިވެލެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޢާލިމް އެވެ. މިކައުންސިލްގެ ފަރާތުން އެބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.
