ފ. ނިލަންދޫ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޛު މުޙައްމަދު ރަޝީދާ ބައްދަލުކޮށްފިއެވެ. މިބައްދުވުން އޮތީ 2024 ޖުލައި 28 ވަނަ ދުވަހު ފެނަކައިގެ މެއިން ބްރާންޗް ގައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވެފައިވަނީ ނިލަންދޫގެ ނަރުދަމާ ނިޒާމްގެ މިހާރުގެ ޙާލަތުއޮތްގޮތުން އެކަމަށް އަވަސް ހައްލެއް ހޯދައި ނުދެވިއްޖެނަމަ ނިލަންދޫގައި ރޯގާ ބަލިމަޑުކަމެއް ފެތުރި މިހާރު އޮތް ފެންވަރަށްވުރެ އިތުރަށް ނިލަންދޫގެ ފެންފަށަލަ ގޯސްވެގެން ހިނގައިދާނެކަމަށް ފެންނާތީ، މިކަމަށް ފެނަކައިގެ ފަރާތުން ވަގުތީގޮތުން ނަމަވެސް އަވަސް ހައްލެއް ގެނެސްދިނުމަށް ބޭނުންވާކަމުގައެވެ. އަދި ނިލަންދޫގެ ކަރަންޓްގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްގޮސް އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އުފުލަން ނުޖެހޭފަދަ ތަކުލީފްތަކެއް އުފުލަންޖެހިފައިވާތީ، މިކަމަށްވެސް ފެނައިގެ ފަރާތުން އިތުރަށް ވިސްނުމަށް ނިލަންދޫ ކައުންސިލުން އެދިލެއްވިއެވެ. މިބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން އެކުންފުނީގެ ބައެއް އިސްވެރީންނާއި ފެނަކަ ނިލަންދޫ ބްރާންޗްގެ އިސްވެރީންވަނީ ބައިވެލައްވާފައެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.
