ފ. ނިލަންދޫ ކައުންސިލްގެ އިދާރީ އަންހެން މުވައްޒަފުން އަދި މިސްކިތު އަނެހެން މުވައްޒަފުންގެ ( ކައުންސިލްގެ ބެލުމުގެ ދަށުގައި ހިމެނޭ އެހެނިހެން އަންހެން މުވައްޒަފުން ހިމެނޭ ގޮތައް) މެދުގައި އެކުވެރިކަމުގެ މެޗެއް ބާއްވައިފިއެވެ. މި މެޗް ބާއްވައިފައިވަނީ 2024 ސެޕްޓެމްބަރު 16 ވީ ހޯމަ ދުވަހުގެ ހަވީރު ފ. ނިލަންދޫ ވޮލީ ކޯޓުގައެވެ. މި މެޗަކީ މިސްކިތު މުވައްޒަފުން އިސްނަގައިގެން ކައުންސިލަށް އެދިފައިވާތީ މި މުވައްޒަފުންގެ އެދުމުގެ މަތިން ބޭއްވުނު އެކުވެރިކަމުގެ މެޗެކެވެ . މިފަދަ މެޗެއް ރޭވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކުރުމަށެވެ.
މި މުބާރާތުގެ ޖާރސީ ހަވާލު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު މުވައްޒަފުންނަށް މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ މިފަދަ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ކައުންސިލްގެ ފާރާތުން މުވައްޒަފުންނަށް ފުރިހަމަ އެބާރުލުން ލިބިގެންދާނެކަމާއި މިސްކިތު މުވައްޒަފުން ދެއްކި ނަމޫނާއަށް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން އެހެން ސެކްޝަނަތަކުން މި ނަމޫނާ ބަލައިގަންނާނެކަމަށް އުއްމީދުކުރާކަމަށެެވެ.