ސައިބަރ ކްރައިމްއަށް ނިލަންދޫ ކައުންސިލްގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުވުމަށް ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ޚާއްޞަ ޕްރޮގްރާމެއް 2024 އޮކްޓޫބަރު 22 ގައި ކުރިއަށް ގެންގޮސްފިއެވެ. ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މިބައްދަލުވުމުގައި ނިލަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް މުޙައްމަދު ފިކުރީ ވިދާޅުވީ މިހާރަކަށް އެކިއެކި ނަންނަމުގައި ފޮނުވަމުންގެންދާ މެސެޖްތަކާއި ލިންކްތަކުގެ ބޭނުން މުވައްޒަފުންނަށް ނޭނގިނަމަވެސް ކުރެވި އޭގެ ގެއްލުން އެމީހަކަށް ކުރަމުންދާކަން ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވެމުންދާ ކަމަށާއި އަދި ފްރޯޑްކޯލްތަކުގައިވެސް ޖެހޭ މިންވަރު އިތުރުވަމުންދާތީ އެކަމަށް ޚާއްޞަ ޔުނިޓެއް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އުފައްދާފައިވާކަމަށާއި، އެފަދަ ކަމެއް މެދުވެރި ވެއްޖެނަމަ ލަސްނުކުރައްވައި އެމަޢުލޫމާތު ޙިއްސާކުރަމުން ގެންދިޔުމަށް އެދިލެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މުޙައްމަދު ފިކުރީ އިތުރަށް ވިދާޅުވީ، މުވައްޒަފުން ބޭނުންކުރަމުންގެންދާ އެކިއެކި ޕްލެޓްފޯމްތަކުގައި ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި، ފޯނަށް ފޮނުވަމުންގެންދާ އޯޓީޕީތަކުގެ މަޢުލޫމާތު އިތުރު އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށާއި، އޮތެންޓިކޭޓަރގެ އެޕްލިކޭޝަންތަކާއި ފިޝިން ލިންކް ތަކާމެދު އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.
