2024 ނޮވެންބަރު 16 ވަނަ ދުވަހު އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލުކޮށްފިއެވެ.
ނިލަންދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ދުވަސްވީ މައްސަލައަށް ޙައްލެއް ހޯދުމަށް ނިލަންދޫ ކައުންސިލުން ކެނޑިނޭޅި ކުރަމުން އައި މަސައްކަތަށް ލުޔެއް ލިބުނު މި އެއްބަސްވުމުގެ ދަށުން، 540 ދުވަހުގެ ތެރޭގައި މަޝްރޫޢު ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ސަބަބުން ސަރުކާރުން ނިލަންދޫގެ ތަރައްޤީއަށް އަހައްމިއްޔަތުކަން ދޭ މިންވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. ނިލަންދޫގެ ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ގުޅިފައިވާ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު ރޯވި ކަމެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.
މި މަޝްރޫޢު ފެށުމާއެކު، ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަތަކަށް ޙައްލު ލިބި، ރަށުގެ ތިމާވެށި ރައްކާތެރިކަން ލިބިގެންދާނެއެވެ.
