ފ.ނިލަންދޫ ކައުންސިލް މުވައްޒަފުންގެ ކުލަބު ”ފާންކުރި ކުލަބު“ ގެ ފަރާތުން، މައިކު ސިސްޓަމަކާއި ސައުންޑް ސިސްޓަމެއް ފ.ނިލަންދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު އޮތީ 1 ޑިސެންބަރު 2024 ވީ އާދިއްތަ ދުވަހު މެންދުރުފަހު ފ.ނިލަންދޫ ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ.
ކައުންސިލަރުންނާއި، އިދާރީ އިސްވެރިންގެ އިތުރުން ކުލަބުގެ ހިންގާކޮމިޓީ ބައިވެރިވެ ވަޑައިގަތް މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެ ވަޑައިގަތީ ކައުންސިލްގެ ރައީސް އަލީ އަޙްމަދެވެ. އަލީ އަޙްމަދު ވިދާޅުވީ މިއީ ކައުންސިލަށް ވަރަށް ބޭނުންތެރި އަދި އަގުހުރި ތަކެތި ކަމަށެވެ. އަދި ފާންކުރި ކުލަބުގެ މި މަސައްކަތަށް ޝުކުރު އަދާކުރައްވާ މިފަދަ ދެމެހެއްޓެނިވި ކަންކަމަށް ކުލަބުގެ ވިސްނުންދިޔުމަކީ އުފާކުރާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.
ފާންކުރި ކުލަބުގެ ރައީސާ މުނީރާ އިބްރާހިމް ވިދާޅުވީ މި ހަވާލުކުރެވުނު ތަކެއްޗަކީ ކައުންސިލްގެ ހިންގުން ރަނގަޅުކޮށް ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވުމުގެ ގޮތުން ކުލަބުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ކަންކަމުގައި ކުލަބުގެ ފަރާތުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.
