ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން 2025 އޮކްޓޫބަރު 10 ގައި ނިލަންދޫއަށް ވަޑައިގެން، ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2025 އޮކްޓޫބަރު 10 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގައި، މި ގްރޫޕުގެ ފަރާތުން ދޭ ޚިދުމަތް ތަކާބޭހޭ މަޢުލޫމާތު ނިލަންދޫ ކައުންސިލާވަނީ ޙިއްސާ ކޮށްފައެވެ. އަދި ކުރިއަށްއޮތް ތާނގައި ދީނީ އެކި އެކި ޕްރޮގްރާމްތަށް ހިންގުމަށް ކައުންސިލަށް އެކި ގޮތްގޮތުން އެހީ ތެރިވެދެއްވާނެކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް ޠަވައްކަލްތު ޙައްޖު އެންޑް އުމްރަ ގްރޫޕްގެ ފަރާތުން ވަނީ ދެއްވާފައެވެ. ވަކިން ޚާއްސަކޮށް ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ނިލަންދޫ ތަރި ޤްރުޢާން މުބާރާތުގެ 01 ވަނަ އަށް އުމްރާ ދަތުރެއް ދެއްވާނެކަމަށް މި ގުރޫޕުގެ ފަރާތުން އައްޝައިޚް އަޙްމަދު ޢަބްދުލް ކަރީމް ވަނީ ވިދާޅުވެފައެވެ. ނިލަންދޫ ތަރި ޤްރުޢާން މުބާރާތަކީ ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ ކައުންސިލުން އެންމެ އިސްކަމެއް އަދި މުޙިންމުކަމެއް ދީގެން ކުރިއަށް ގެންދާ ހަރަކާތެވެ. އަހަރަކަށްވެރެ އަހަރެއް ފެންވަރު ރަނގަޅަށް ކުރިއަށް ގެންދާ މި މުބާރަތުގެ ފަޚްރުވެރި ނިލަންދޫ ތަރިއަށް މިފަދަ އަގުހުރި އިނާމެއް ހުށަހެޅުމަކީ މުބާރާތުގެ ފެންވަރު އިތުރަށް ފުރިހަމަވާނެ ކަމެއް ކަމުގައި ކައުންސިލުން ފާހަގަ ކުރިއެވެ. މީގެ އިތުރުން މި ގްރޫޕުގެ ފަރާތުން ނިލަންދޫއިން އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓުތަކެއް ހެދުމުގެ ވިސްނުން ގްރޫޕުގެ ފަރާތުން ގެންގުޅޭކަމީ، މިކަމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ އަދި މިކައުންސިލުން މަރުޙަބާ ކިޔާ ކަމެއްކަމުގައި ކައުންސިލްގެ ރައީސް އަލީ އަޙްމަދު ފާހަގަކުރެއްވިއެވެ.
