ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ އަމާޒު ހާސިލްކުރުމަށް މިކައުންސިލުން މިދަނީ ގަސްއިންދުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.
އެގޮތުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ތެރެއިން މި ރަށަށް ފޮނުވި 04 ގަސް އިންދުމުގެ މަސައްކަތް 24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ހަވީރު މިކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. މި ގަސްތައް ރަށުގެ 04 ސަރަހައްދެއްގައިވަނީ އިންދާފައެވެ. މި ސަރަހައްދުތަކަކީ
- ސަލާމް މިސްކިތުގެ ގޯތި
- ތަޙާލުފި މިސްކިތުގެ ގޯތި
- ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި
- ފ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރގެ ގޯތި
ހައިވަކަރު ގަހަކީ ދިވެހި ސަގާފަތުގެ މުހިންމު ބައެއްގެ ގޮތުގައި ތާރީހުން ހެކި ފެންނަން ހުރި ގަހެކެވެ. ދިވެހިންގެ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ނިޝާން ފެންނަން އޮތީ މި ހައިވަކަރު ގަހުގެ ލަކުޑީގަ އެވެ. އަދި މިގަހަކީ ހިޔާ ބޮޑުކޮށް ލިބޭ ބިޔަކޮށް ހެދޭ ގަހެކެވެ.
