ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް (ވޯލްޑް ފުޑް ސެކިއުރިޓީ ޑޭ) ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ފާފު އަތޮޅު ނިލަންދޫއަށް ވަޑައިގެންފިއެވެ.
މިނިސްޓަރު ގީލާ ނިލަންދޫއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނު 10:45 އެހާކަންހާއިރުއެވެ. ރަށަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންގެ ފަރާތުން މިނިސްޓަރަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މުދުރުފަހު 13:00 ގައެވެ. މި ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މިއަހަރު ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން، ނިލަންދޫގައި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްދާނެއެވެ.
