ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މިރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
ނިލަންދޫއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލާއި، މުއައްސަސާތަކުގެ ވެރިންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެ، އެކަމަނާއަށް ވަރަށް އިޚްލާޞްތެރި އަދި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރަށުގެ ބަނދަރުމަތި ވަނީ ވަރަށް ކުލަގަދަކޮށް ދިދަތަކުން ޒީނަތްތެރިކޮށްފައެވެ. އަދި ރަށުގެ އެކި އުމުރުފުރާގެ ރައްޔިތުން ވަނީ މަރުހަބާ ކިޔުމަށް ނުކުމެ އެކަމަނާއަށް އޮތް ލޯތްބާއި އިޙްތިރާމް ހާމަކޮށްދޭ ފަދަ ބޮޑު ތަރުޙީބެއް ދީފައެވެ.
މި ދަތުރުފުޅަކީ ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެކަމަނާ ކުރައްވާ ޚާއްޞަ ދަތުރުފުޅެކެވެ.
