މިސްކިތުގެ މުދިމުގެ މަޤާމަށް އަލަށް ހަމަޖެހުނު ފ.ނިލަންދޫ ހަނދު، ޢަބްދުލްޤާދިރު މޫސާއަށް ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއްކިޔައިފިއެވެ.
ޢަބްދުލްޤާދިރު މޫސާ އަކީ ނިލަންދޫގެ ތަޢުލީމީ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ، އަދި ރަށުގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޤުރުއާން އަދި އިސްލާމް މުދައްރިސެއްގެ ގޮތުގައި 28 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
މި ދިގު މުއްދަތުގެ ތެރޭގައި ރަށުގެ އެތައް ޖީލެއް ބިނާކުރުމަށް އޭނާ ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި، ނިލަންދޫ ކައުންސިލުން ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.
ތަޢުލީމީ ދާއިރާގެ އިތުރުން، ޢަބްދުލްޤާދިރު މޫސާ އަކީ މީގެ ކުރިންވެސް އެކި ފަހަރުމަތިން ވަގުތީ އިމާމެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މިސްކިތްތަކުގެ މުދިމުންނަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްގެ މުވައްޒަފުންނެވެ. ނަމަވެސް މުދިމުންގެ އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން މިނިސްޓްރީގެ ފަރާތުން އޮންނަނީ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލުކޮށްފައެވެ.
ފ. ނިލަންދޫ ކައުންސިލްގެ މިސްކިތުގެ މުދިމުކަމަށް އަލަށް ޖެހުުނު އިމާމަށް ނިލަންދޫ ކައުންސިލާއި ރަށުގެ ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.
