ފ. ނިލަންދޫގައި ފަހަކަށް އައިސް ހުވަނި އާންމުވެ، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ނިލަންދޫ ކައުންސިލާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރަށުގެ އާންމު ސަރަހައްދުގެ ގަސްތަކާއި ވަލުތެރޭގައި ހުރި ގަސްތަކަށް ބޭސްޖެހުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
މިކަމާ ގުޅިގެން ނިލަންދޫ ކައުންސިލުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެގޮތުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއެކު، ކައުންސިލްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ބޭސްޖެހުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
”ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމުން އަވަސް ލުޔެއް ހޯދައިދިނުމަށް ކައުންސިލުން ވަނީ ހާއްސަ އިސްކަމެއްދީގެން މި ހަރަކާތް ފަށާފަ. މި މަސައްކަތުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން،“ ކައުންސިލް މެންބަރު ނަސީބާ ޢަލީ
މި މަސައްކަތުގެ ތެރެއިން، ހުވަނި ގިނައިން އުފެދޭ މިދިލި ގަސްތަކާއި ބޭސްޖެހުމުގެ މަސައްކަތް ކައުންސިލުންވަނީ ކުރިއަށް ގެންގޮއްސައެވެ. އަދި މި އުނދަގޫ މުޅިން ކޮންޓްރޯލް ކުރެވެންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
