ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ނިލަންދޫ ކައުންސިލް އަދި ޖަމްޢިއްޔަތުއްސަލަފް ގުޅިގެން 8 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހުގެ ރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައި ޚާއްޞަ ދީނީ ދަރުސެއް ބާއްވައިފިއެވެ. ”ޙަސަދަވެރިކަމުގެ ނުބައިކަން“ މައުޟޫޢަށކުރިއަށްގެންދިޔަ މި ދަރުސް ނަގައިދެއްވީ އައްޝައިޚް މުޖުތަބާ ޙަމީދެވެ.
މި ދަރުސަކީ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށާއި، ހިތްތައް ތާހިރުކޮށް އިސްލާމީ ރީތި އަޚުލާޤީ އުޞޫލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވުނު ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ނިލަންދޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތު އަންހެނުންނާއި ފިރިހެނުން ބައިވެރިވެފައިވެއެވެ.
ދަރުސުގެ ތެރެއިން ޝައިޚް މުޖުތަބާ ޙަމީދު ވަނީ ޙަސަދަވެރިކަމުގެ ސަބަބުން އިންސާނާގެ ހެޔޮޢަމަލުތައް ބާތިލުވެގެންދާ ގޮތާއި، އެކަމުގެ ސަބަބުން މުޖްތަމަޢުގައި ކުރިމަތިވާ ނުރައްކާތެރި ނަތީޖާތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ހިތްތައް ޙަސަދައިން ތާހިރުކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމާއި އެކުވެރިކަން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ދަރުސް ނިންމާލުމަށްފަހު، ބައިވެރިންގެ ހިތުގައި އުފެދުނު ދީނީ ތަފާތު ސުވާލުތަކަށް ޖަވާބު ދިނުމުގެ ސުވާލާއި ޖަވާބު ސެޝަނެއްވެސް ޝައިޚް މުޖުތަބާ ޙަމީދު ކުރިއަށްގެންދެވިއެވެ.
ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މައުލޫމާތު ދެއްވި ގޮތުގައި، ރައްޔިތުންގެ ފަރާތުން މި ދަރުސަށް ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާތީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރޭވުމަށް ވަނީ ހަމަޖެހިފައެވެ.
