ހުވަނީގެ އުނދަގުލަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުވަނި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ނިލަންދޫ ކައުންސިލާއި ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން އަނެއްކާވެސް ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި މިދިލިގަސްތަކަށް ހުވަނި ބޭސް ޖެހުމުގެ އިތުރުން އާންމު ރައްޔިތުން ދިރިއުޅޭ ގޯތިގެދޮރުގައި ހުރި ހުވަނި އަޅާފައިވާ ގަސްތަކަށް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.
މި މަސައްކަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބުރައީސް މުޙައްމަދު ނަޞީމު ވިދާޅުވީ ހުވަނީގެ ސަބަބުން ކުޑަކުދިންނާއި އާންމުންގެ ހަންގަނޑު ހިރުވުމާއި ގައި ކެއުން އަދި އެލާޖިކްވުމުގެ މައްސަލަތައް ދިމާވަމުންދާތީ، މިކަމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށުގެ މާހައުލު ސާފުކޮށް ބޭއްވުމަށާއި، ހުވަނީގެ ސަބަބުން ދިމަވާ އުނދަގޫތައް އެއްކޮށް ކަނޑުވާލުމަށް މި ހަރަކާތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
”ރައްޔިތުންގެ ސަލާމަތާއި ފަސޭހައަށްޓަކައި، ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކު ރަށުގެ ހުރިހާ މިދިލިގަހަކަށް ބޭސްޖެހުމުގެ މަސައްކަތް މިދަނީ ކުރަމުން. މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ހުވަނީގެ އުނދަގުލަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވޭ،“ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
