އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ތަމްރީން ކުރި ޒުވާނުންގެ ތެރެއިން ފ.ނިލަންދޫއިން މި ޕްރޮގްރާމް ފުރިހަމަކުރި، ފ.ނިލަންދޫ ސީނިޔާ ވިލާ އަބްސަމް އަބްދުލްޤާދިރު އިމާމުވެ ހުކުރު ނަމާދު ކޮށްފި އެވެ. އަބްސަމް އިމާމުވެ ހުކުރު ނަމާދު ކުރީ ނިމިދިޔަ ހުކުރު ދުވަހު، މަސްޖިދުއް ތަޙާލުފީގައެވެ.
އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ އެކަމަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވިއިރު 160 ޒުވާނުން ކުރިމަތިލި އެވެ. އެގޮތުން ކުރިމަތިލި ޒުވާނުންނާ އިންޓަވިއު ކުރުމަށްފަހު ހޮވާލެވުނު ބައެއް ކުދިން ތަމްރީންކޮށްފައިވެ އެވެ. އަދި މިއަދު ހުކުރު ކުރި އަބްސަމްއަށް މިހާރު ވަނީ ޚުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.

ޒުވާން ޚަތީބުން ތަމްރީނުކުރުމަށް އިސްލާމިކް މިނިސްޓްރީ ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ފ.ނިލަންދޫއިން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރި ހަމައެކަނި ފަރާތަކީވެސް އަބްސަމްއެވެ. އަބްސަމް އަކީ މިވަގުތު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10ގައި ތަޢުލީމު ހާސިލު ކުރަމުންދާ ކުއްޖެކެވެ.
