ރަށުގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަސްޖިދުއް ތަޙާލުފީގެ ސީލިންގުގައި ކުލަލުމާއި، މިސްކިތުގެ ނެވިލިއޯން ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ނިމިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މިސްކިތް ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. އަންނަމަހުގެ 02ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާއިރު މިހާރު ކުލަލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ މިސްކިތުގައި ނެވިލިއޯން އެޅުމުގެ މަސައްކަތެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ ފ.އަތޮޅު ހޮސްޕިޓަލާއި ފ. އަތޮޅު ކައުންސިލްގެ އިތުރުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ އިތުރުން އާންމު ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.

ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން، މިސްކިތްތަކުގެ ބޭރު އިންފާރާއެކު ކުލަ ބަދަލުކޮށްފައިވާއިރު، ހަލާކުވުމާއި ބާވުމުގެ ސަބަބުން ބަދަލު ކުރަންހުރި ބައެއް ފަންކާއާއި ލައިޓުތައް ވަނީ ބަދަލުކޮށްފައެވެ.
ރަށުގެ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ހުރިހައި އިދާރާއަކުންވެސް ބައިވެރިވެ އެއްބާރުލުން ދެއްވާފައިވެއެވެ. އަދި ޒުވާނުންގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކަކުން އިސްނަންގަވައި، މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވަނީ ގާ ޖަހައި ވޯކްވޭ ހަދާފައެވެ.
