ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މަސްފެކްޓަރީ އެޅުމަށް ނިންމި ބިމުގައިހުރި މަސްކައްކާ ބިންތައް އެހެން ސަރަހައްދަކަށް

ފ.ނިލަންދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ މަސް ފެކްޓަރީއާ ގުޅިގެން މިނިސްޓްރީގެ ޓީމަކުން ނިލަންދޫއަށް ވަޑައިގެން އެމަޝްރޫޢު ކުރިއަށް ގެންދާނެ ސަރަހައްދެއް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ”ކުޑަރަށް“ ހިމެނޭހެން މަސްކައްކާ ސަރަހައްދުން 7 ހެކްޓަރުގެ ބިނ، މަސްފެކްޓަރީ އެޅުމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި އެސަރަހައްދުގައި ހުރި އާންމު ފަރާތްތަކުގެ ގުދަންތަކާއި މަސްކައްކާ ބިންތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް މިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތުގެ ތެރެއިން ރަށުގައި މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި މި މައުލޫމާތު ވަނީ ހިއްސާ ކުރެވިފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްކެއްކުމުގެ މަސައްކަތުގައި އުޅުއްވާ 05 ފަރާތުންވެސް ވަނީ ބައިވެރިވެލައްވާފައެވެ. ބައިވެރިންނާ ވާހަކަދައްކަވަމުން މަސް ފެކްޓްރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެހެން ކަންކަން ތަރުތީބު ކުރެއްވުމުގެ ވިސްނުން ހުރި ކަމަށާއި އެމަސައްކަތް ފަށާނީ މަސްކެއްކުމުގައި މަސައްކަތް މިހާރު ކުރައްވަމުންދާ ފަރާތްތަކަށް އަދުލުވެރި ބަދަލެއް ދެއްވާފައިކަމަށް ކައުންސިލް މެމްބަރ އަޙްމަދު ސިޔާމް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މެމްބަރު އިތުރަށް ވިދާޅުވީ، ބަދަލު ދިނުމުގައި ދެވިސްނުމެއް ގެންގުޅުއްވާ ކަމަށާއި، އެއްގޮތަކީ މިހާރު މަސްކެއްކުމަށް ބޭނުންކުރަމުންދާ ތަންތަން އަގުމަގު ކުރުމަށްފަހު ފައިސާއިން ބަދަލުދިނުން ކަމަށެވެ. އަނެއް ގޮތަކީ، އަލަށް މަސްކެއްކުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ބިމުގައި އެމަސައްކަތް ކުރެވޭނެ ފެންވަރަށް، ރަނގަޅު ބަދިގެއާއި، ދަރު ރައްކާކުރާނެ ތަނަކާއެކު  ވަށާ އިންފާރު ލެވިގެން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާނެ ތަނެއް ކައުންސިލުން ތައްޔާރު ކުރުމަށްފަހު މަސްކައްކާ ފަރާތްތަކާ ހާވާލުކުރުން ކަމަށެވެ. މިދެގޮތުން، މަސައްކަތް އަވަސްވެފައި، ދައުލަތަށާއި މަސްކައްކާ ފަރާތްތަކަށްވެސް އެންމެ ރަނގަޅު ގޮތަކީ ދެވަނަ ގޮތްކަން ފާހަގަކުރައްވައި ސިޔާމް އިތުރަށް ވިދާޅުވީ އެންމެ ރަނގަޅު ގޮތުގައި މިކަން ކުރިއަށް ގެންދެވޭނީ ދެފަރާތްވެސް ގުޅިގެން ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވާހަކަ ދައްކަވަމުން، ކައުންސިލްގެ ފަރާތުން މިހާތަނަށްވެސް މަސްކެއްކުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކާމެދު ކަންކަން ކުރައްވާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ދެރަގޮތެއް ނަހައްދާވާނެކަމުގެ ޔަގީންކަން އޮތްކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މަސްކައްކާ ސަރަހައްދު ބަދަލު ކުރުމާގުޅޭގޮތުން ހުށައެޅުނު ދެ ޚިޔާލުގެ ތެރެއިން ތާޢީދު ކުރައްވަނީ ކޮންގޮތަކަށްތޯ ސުވާލުކުރެއްވުމުން 02 ގޮތުން ކުރެއް ކޮންމެ ގޮތެއްވެސް ރަނގަޅު ކަމަށާއި ކައުންސިލުން ނިންމާ ގޮތަކަށް އެބޭފުޅުން ތާޢީދު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ ދުވަހެއް ދެކެން ބޭނުންވާކަމަށް އެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016