އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މިއަހަރު ކުރި ތަޖުރިބާ ދަތުރު ކުރެވުނީ ބޮޑުތިލަދުންމައްޗަށެވެ. މިގޮތުން ހއ ، ހދ ގެ 05 ރަށެއްގެ ކައުންސިލާ ބައްދަލުކޮށް ތަޖުރިބާ ހިއްސާކުރެވިފައިވާއިރު މީގެތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް ވެސް ހިމެނެއެވެ.
ފ.ނިލަންދޫ ކައުންސިލްގެ 19 މުވައްޒަފުން ހިމެނޭހެން ކުރި މިދަތުރުގައި އެންމެ ފުރަތަމަ ދިޔައީ ހދ.ހަނިމާދޫއަށެވެ. ހަނިމާދޫކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ކައުންސިލުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުންނާއި އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ރާވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ބަދަލުކުރެވުނެވެ. އަދި ހަމައެހެންމެ ދިރިއުޅުމަށްޓައި ބަންޑާރަ ގޯތި ދޫކުރުމުގައި ހަނިމާދޫ ކައުންސިލުން އަމަލު ކޮށްފައިވާ ގޮތްތަކާއި ދިމާވި ކަންކަމުގައި ހައްލަކާހަމައަށް އާދެވުނު ގޮތާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ހަނިމާދޫއަށްފަހު މި ދަތުރުގައި ހއ.އުތީމާއި، ބާރަށާއި ދިއްދޫއަށް ގޮސްފައިވެއެވެ. މިއިން ކޮންމެ ރަށެއްގެ ކައުންސިލާއެކުވެސް ބައްދަލުކޮށް، އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރިއަށް ގެންދާ ކަންކަމާއި، ކުނި މެނޭޖްކުރުމާ ގުޅޭގޮތުންނާއި، އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ ކަންކަމާ ގުޅޭގޮތުންނާއި، ވަލުރުއްގަހަށް ބަދަލުދިނުމުގައި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އުތީމަށް ކުރި ދަތުރުގައި، އުތީމުގައި ހުންނަ މުހައްމަދު ތަކުރުފާނުގެ ގަނޑުވަރުކޮޅު ބަލާލަން ދެވުނެވެ. ގައުމައްޓަކައި ބަޔަކު ވެފައިވާ މި މަތިވެރި ގުރުބާނީއަކީ އަގު ނުކުރެވޭނެ ގުރުބާނީއެއްކަމަށާއި، އެކަން މިއަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ. ގައުމަށް ޚިދުމަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްގެ މުވައްޒަފުންނަކީވެސް ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދޭ ބަޔަކަށްވީހިނދު، އެކަމުގައި ވަރަށް ޒިންމާދާރު ވާނެޖެހޭނެކަމަށާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުން ވަރަށް މުހިއްމުކަމަށެވެ.
މި ތަޖުރިބާދަތުރުގެ އެންމެ ފަހު މަންޒިލަކަށްވީ، ހދ.ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ވެސް ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ. އަދި ނިލަންދޫ ކައުންސިލަށް އެންމެ ފުރަތަމަ ބައްދަލުވީ ސިޓީ ކައުންސިލަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްކަން ފާހަގަކުރައްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުޅުދުއްފުއްޓާ އަޅާބަލާއިރު ނިލަންދޫގެ އާބާދީ ކުޑަ ނަމަވެސް، ސިޓީ ކައުންސިލާ ބައްދަލުވެ ހިއްސާކުރެވުނު މައުލޫމާތުތަކުން، ނިލަންދޫގެ ތަރައްޤީއާއި ކުރިމަގު ބައްޓަން ކުރުމުގައި ގިނަ ތަޖުރިބާތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިދަތުރު ނިންމަވާލެއްވުމަށްފަހު މުވައްޒަފުން އެނބުރި މާލެއައިސްފައިވަނީ މޭ 18ވީ ހޮނިހިރު ދުވަހުއެވެ.
