މިހާރު ރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކައުންސިލްގެ ފަރާތުން ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ނިލަންދޫގެ އާބާދީއަށް އަންނަމުންދާ ބަދަލާއި، އެކަމުގެ ސަބަބުން ހައުސިން މަޝްރޫޢެއް ނިލަންދޫގައި ކުރިއަށް ގެންދިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައިވައި ކައުންސިލްގެ ރައީސް ވާހަކަދައްކަވާފައިއެވެ. އަދި ނިލަންދޫއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރައްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، އެކަމުގެ ސަބަބުންވެސް އެކި ސަބަބުތަކާހުރެ ރަށަށް ހިޖުރަކުރަންބޭނުންވާ ފަރާތްތައް ގިނަވާނެކަން ފާހަގަކުރެއްވިއެވެ.
ނިލަންދޫއަކީ ފ.އަތޮޅުގެ ރަށްތަކުގެ އިތުރުން ދ.އަތޮޅުގެ ގިނަ ރަށްތަކަކާއި ދ.އަތޮޅުގައި ހުރި ގިނަ ރިސޯޓު ތަކަކުން ގިނަ ޚިދުމަތްތަކެއް ހޯދުމަށް އަންނަ ރަށެއްކަން ފާހަގަކުރައްވަމުން ކައުްނސިލްގެ ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ އެއަރޕޯޓުގެ މަޝްރޫ ނިމުމާއެކު ގިނަބަޔަކު އިތުރު ޚިދުމަތްތައް ހޯދުމަށް ނިލަންދޫއަށް އަންނާނެކަމަށެވެ.
”މިހާރުވެސް ތައުލީމު ހޯދުމަށާއި، ރަށުގައި ވަޒީފާ އަދާކުރުމަށް އެކި ރަށްރަށުން މީހުން އައިސް ނިލަންދޫގައި ދިރިއުޅޭ“ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އާބަން ސެންޓަރެއްގެ ގޮތުގައި ނިލަންދޫ ތަރައްޤީ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމާފައިވާތީ، ހައުސިން މިނިސްޓްރީން ވެސް، އެކި މަޝްރޫތައް ކުރިއަށް ގެންދިޔުގައި އެމަގުން މަސައްކަތްތައް ރާވަމުންދާނެކަން ހާމަކުރެއްވިއެވެ. އަދި ނިލަންދޫގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ކައިރި މުސްތަޤުބަލެއްގައި އެކަމުގެ އަމަލީ މަސައްތައް ފެށިގެންދާނެ ކަމުގެ ފެހި ސިގްނަލެއް މިނިސްޓަރ ވަނީ ދެއްވާފައެވެ.
ނިލަންދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށްޓަކައި އިޢުލާނު ކޮށްފައިވާއިރު، ހައުސިންގ މަޝްރޫއެއްގެ ދަށުން، ރޯ ހައުސް ނުވަތަ ފްލެއްޓެއް ލިބުމަކީ ޒުވާނުންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ އުއްމީދެކެވެ.
