ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް ނިލަންދޫގައި ފަށައިފިއެވެ. މިކަމަށްޓަކައި އާސާރީ ބިމުގައި ކުރިއަށްދިޔަ ހަރަކާތުގައި ރަސްމިއްޔާތު ފައްޓަވައިދެއްވީ ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސާ ހައްވާ އަބްދުލް ޢަޒީޒެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފެށީ އާސާރީ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ޖުމްލަ 117 ރުއް އިންދާފައިވާއިރު ގިނަ އަދަދަކަށް މެލޭޝިޔާ ރުއްވެސް އިންދާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.

އެ ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ރައީސާއި، މެމްބަރުންގެ އިތުރުން ކައުންސިލް މުވައްޒަފުންނާއި، ރަށުގެ ބައެއް އިދާރާތަކާއި ކުލަބު ޖަމްއިއްޔާތަކާއި ބައެއް އާންމު ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.
އާސާރީ ބިމުގައި އިންދާފައިވާ ރުއްތައް ރަނގަޅަށް ހެދެންދެން އެސަރަހައްދުގައި ކޮށިގަނޑު ޖަހައި ވަކިކޮށް، ރުއްތަކަށް ފެންދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.
