ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

މަގޭރިންގެ ބޮޑު ޢީދު 1445، މިފަހަރު ކުލަގަދަ ޢީދަކަށް

1445ވަނަ އަހަރުގެ އަޟްހާ ޢީދު މިފަހަރު ތަފާތު ގިނަ ހަރަކާތްތަކަކާއެކު ވަރަށް ކުލަގަދަކޮށް ނިލަންދޫގައި ފާހަގަކޮށްފިއެވެ. ނިލަންދޫ ކައުންސިލްގެ ފަރާތުން ”މަގޭރިންގެ ބޮޑު ޢީދު 1445″ގެ ނަމުގައި މިއަހަރުގެ ޢީދު ފާޙަގަކޮށްފައިވަނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން ޒުވާނުންގެ ޓީމަކުން އިސްނަންގަވައި މިޢީދު ކުލަގަދަކޮށް، ރައްޔިތުންނަށް އުފާފާގަތި ޢީދެއްގެ ގޮތުގައި ގެނެސްދިނުމަށް ބޭނުންވެގެން ކައުންސިލްގައި އެދިފައިވާތީ މިފަހަރުގެ ޢީދުގެ ގިނަ ހަރަކާތްތަކެއްގައި ޒުވާންޓީމް އިސްދައުރެއް އަދާކުރާއްވާފައިވެއެވެ. މީގެ އިތުރުން ރަށުގައި ހުރި އިދާރާތަކުގެ ތެރެއިން، ފ.އަތޮޅު ކައުންސިލްގެ އިދާރާ، ފ.އަތޮޅު ހޮސްޕިޓަލް، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން، ފ.ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރ، ފެނަކަ ކޯޕަރޭޝަން، ނިލަންދޫ ޔޫތު ސެންޓަރ، އަދި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމް.ޓީ.ސީ.ސީ ގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ކުލަބު ޖަމްއިއްޔާތަކުންވެސް މިއީދު ކުރިއަށް ގެންދިޔުމުގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރެއިންވެސް ޑޭލައިޓް ކުލަބުންވަނީ ޚާއްސަ ދައުރެއް އަދާކުރައްވާފައެވެ.

ޢީދުބޮލަށް ގޮންޖެހުމުގެ ހަރަކާތުގެ ތެރެއިން

މިއަހަރުގެ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވާއިރު ނަމާދަށްފަހު ރައްޔިތުންނަށް ޢީދު ސައި ވަނީ ތައްޔާރުކޮށްފައެވެ. މި ހަރަކާތަކީ އާންމު ރައްޔިތުންގެ ވަރަށްބޮޑު އެއްބާރުލުމަކާއެކު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. ޢީދު ސަޔަށްފަހު ޢީދު ސަލާމްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މި ޢީދު ސަލާމުގައި ރަށު ކައުންސިލްގެ ފަރާތުން ކޮންމެ ގެއަކަށްވަނީ ޢީދު ހަދިޔާއެއް ދެއްވާފައެވެ. މީގެ އިތުރުން، ޒުވާން ޓީމްގެ ފަރާތުން ދާނުގައި ތިއްބެވި ފަރާތްތަކަށް ޢީދު ތަހުނިޔާ ކިޔުމާއެކު ޢީދު ހަދިޔާއެއް ދެއްވާފައިވެއެވެ.

ޢީދު ހަދިޔާ ދިނުން ޢިދު ސައި ދާނުގައި ތިބި ފަރާތްތަކަށް ޢިދު ތަހުނިޔާކިޔުން

ޢީދާގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ޘަގާފީ ހަރަކާތްތަކާއި މިޒަމާނުގެ ކުޅިވަރުތައް ހިމެނިފައިވެއެވެ. މިގޮތުން ޢީދު ބޮލަށް ގޮންޖެހުމާއި، ގޮންޖެހިފަރިވަޅު ދިނުމާއި، ފެންކުޅީގެ ހަރަކާތްތަކާއި ކޯޑި ކެނޑުމާއި، ބޮނޑި ކުޅުމާއި އީދު މާލޫދުކިޔުންފަދަ ދިވެހިންގެ ޘަގާފަތާ އާދަކާދަ ދައްކުވައިދޭ ހަރަކާތްތައް ހިމެނިފައިހުއްޓެވެ. އެހެން އަރަތުކާ ޚިލާފަށް މިއަހަރުގެ ޢިދުގައި ރަށުން ބޭރުން ތިން ޓީމެއް ގެނެސްފައިވެއެވެ، އެއީ ދަންމާނު ބޮޑުބެރު ގުރޫޕު، ފަތްމިނި ބޮޑުބެރި ގުރޫޕު އަދި ޔާރާ ޓީމްއެވެ.

މިފަހަރުގެ ޢީދުން ފެނިގެންދިޔަ ބައެއް ޚާއްޞަކަންކަމުގެ ތެރޭގައި ޢީދަށް ރަށަށް ޒިޔާތްތަކުރި މެހެމާނުންނަށް ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ބިދޭސީންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު ކުރިކެޓު މެޗާއި، ވެޓަރެންސް ފުޓްބޯޅަ މެޗާއި، ކޯޑި ކެޑުންވެސް ވެގެންދިޔައީ ތަފާތު ކަމަކަށެވެ.

ޢިދުގައި ކުރިއަށް ގެންދިޔަ ހަރާކަތްތަކުގެ ތެރެއިން ގިނަބަޔަކަށް އެންމެ ކަމުދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކުޑަކުދިންގެ ޕާކުގައި ކުރިއަށްދިޔަ ފެންކުޅީގެ ހަރަކާތާއި، ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑު ހިމެނެއެވެ. އަދި އީދުގެ ފަހުރޭގައި ޔާރާ ޓީމުން  ދީފައިވާ ޝޯއާއި، ޑޭލައިޓް، ހޮސްޕިޓަލް އަދި ރަށު ކައުންސިލް ގުޅިގެން ދިން ޝޯވެސް ވެގެން ގޮސްފައިވަނީ އާންމުންނަށް ވަރަށް ކަމުދިޔަ ހަރަކާތަކަށެވެ.

ފާއިތުވެދިޔަ ދެތިން އަހަރާ ޚިލާފަށް މިއަހަރުގެ ޢިދުގައި ދިވެހި ކުޅިވަރުގެ ގޮތުގައި ކުޅެވުނު، ބޮޑި އަދި ވާދެމުން ކުރިއަށް ދިޔައީ އިދާރާތަކުގެ މެދުގައި ކުރިއަށް ގެންދެވުނު މުބާރާތްތަކެއްގެ ގޮތުގައެވެ. މި ދެ ކުޅިވަރަށްވެސް އާންމުންގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މިއަހަރުގެ ޢިދަށް ރަށަށް ވަރަށް ގިނަ ފަރާތްތަކަކުން ޒިޔާރަތްކޮށްފައިވާއިރު ނިލަންދޫއިން ދިން މެހެމާންދާރީ ވަރަށް ފުރިހަމަކަމަށް އެންމެންވެސް ފާހަގަ ކުރެއްވިއެވެ. އަދި ނިލަންދޫގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ، އެކުވެރި ބައެއްކަން ފާހަގަވި ކަމަށް މި ޢީދަށް ރަށަށް ޒިޔާރަތްކުރި މެހެމާނުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016