ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ތަރައްޤީއާ ގުޅޭ ކަންކަމުގައިވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ – ރައީސް އަލީ އަޙްމަދު

ފެނިގެންމިދިޔައީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ނަތީޖާ ކާމިޔާބުވާނެކަމުގެ ކުޑަ މިސާލެއްކަމަށް ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވެއްޖެއެވެ. ނިމިގެންދިޔަ އަޟްޙާ ޢީދުގެ ކާމިޔާބީ ފާހަގަކުރުމާއި، އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް، ރޭ ގޮމަވަތީގައި ބޭއްވި ކުޑަ ޙަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ”މަގޭރިންގެ ބޮޑު ޢީދު 1445“ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތްތަކުން ކަމަށާއި އެކަމަށްޓަކައި އަދާކުރަންޖެހޭ ހައްގު ޝުކުރު އެފަދަ ކުޑަ ރަސްމިއްޔާތަކުން އަދާ ނުކުރެވޭނެކަމަށެވެ. މިގޮތުން އިދާރާތަކުގެ އިސްވެރިންނާއި ކުލަބު ޖަމްއިއްޔާތަކުގެ ވެރިންނާއި ޒުވާނުންގެ އިތުރުން ރަށުގެ އާންމުންގެ ފަރާތުންވެސް މިފަހަރުގެ ޢީދު ކާމިޔާބު ކުރުމަށް ގިނަ ގުނަ އެއްބާރުލުން ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ. ”މި ނިމިދިޔަ ޢީދަކީ އިޖްތިމާޢީ ގޮތުން، މިހައި ބޮޑަށް އިދާރާތަކާއި އާންމުން ގުޅިގެން މިފަހުން ކުރެވުނު އެންމެ ރަނގަޅު މަސައްކަތް. އެހެންވީމާ އެކަން އެހައި ރަނޅަށް ދިޔައީ“ ރައީސް އަލީ އަހުމަދު ވިދަޅުވިއެވެ.

މިމޭރުމުން ވާހަކައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމުގައިވެސް ހުރިހައި އެންމެން އެކައްޗެއް ކިޔަންޖެހޭ ކަމަށާއި ރައީސްގެ ދައުރުގައި ބާކީ މިއޮތް މަދު ދުވަސްކޮޅުގައި ހުރިހައި ފަރާތްތަކަކުންވެސް ރައީސްއަށް އެއްބާރުލުން ދެއްވުމަށް އެދޭކަމަށެވެ. ”ރަށުގެ ނަރުދަމާގެ ކަންކަން މިއޮތީ ވަރަށް ގޯސްކޮށް، މިކަންވެސް ހަމައަކަށް އެޅުވުމުގައި އަޅުގަނޑު ބޭނުން ތިޔަ ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުން. ދައުރުގައި ބާކީ މިއޮތް ދުވަސްކޮޅުވެސް ތަރައްޤީއާ ގުޅޭ މިފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން“ ރައީސް ވިދާޅުވިއެވެ. ނިލަންދޫގެ ތަރައްޤީއާ ގުޅޭ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި ވަރުބަލި ވެގެން ފަހަތަށް ނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016