ސަރުކާރުގެ ފަރާތުން ނިލަންދޫގައި އެޅުމަށް ނިންމާފައިވާ މަސްފެކްޓަރީގެ ޢަމަލީ މަސައްތަކް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުގެ އެދިލެއްވުމަކަށް މިނިސްޓަރާއެކު އެމިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި، މަސްފެކްޓަރީ އެޅުމަށް މިހާރު ނިންމާފައިވާ ސަރަހައްދުތަކުގައިހުރި އާންމު ރައްޔިތުންގެ މަސްކައްކާ ބަދިގެ ތަކާއި އެހެނިހެން ބައެއް ވިޔަފާރިތައް، ރަށުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާ ގުޅޭގޮތުންނާއި ބަދަލު ދިނުމުގައި ދެވެން އޮތް އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މަސްފެކްޓަރީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާ ކަމަށާއި އެގޮތުން މި މަހުގެ ފަހުކޮޅު ޗައިނާ ކުންފުނީގެ ވަފުދަކާއެކު ވުޒާރާގެ ފަންނީ ބޭފުޅުން ނިލަންދޫއަށް ދާ ގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިދަތުރުގެ މައިގަނޑު ބޭނުނަމީ ފ.ނިލަންދޫގައި މަސް ޕްރޮސެސިންގެ ފެސިލިޓީއާއި ކޯލްޑް ސްތޯރޭޖް ފެސިލިޓީ ޤާއިމްކުރުމަށް ސައިޓް މޮނިޓަރިން ކުރުން ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.
