ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 105 ވަނަ މާއްދާގެ (ހ)ގެ ދަށުން ރަށުކައުންސިލްތަކުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފާއިތުވި 6 (ހައެއް) މަސްދުވަހު ކައުންސިލް ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް އެކުލަވާލުމަށްފަހު އަތޮޅު ކައުންސިލަށް ފޮނުވަން ޖެހޭތީ، މިހިނގާ 2024 ވަނަ އަހަރު މިކައުންސިލްގެ ފުރަތަމަ 06 މަސްދުވަހުގެ ރިޕޯޓް 2024 ޖުލައި 08 ވަނަ ދުވަހު ފ. އަތޮޅު ކައުންސިލަށް ފޮނުވައިފިއެވެ. މިރިޕޯޓްގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ ކައުންސިލްގެ ތަޢާރަފާއި، ތަޞައްވުރާއި، މިޝަންއާއި ރަށުގެ ވަނަވަރުގެ އިތުރުން ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދާއި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސް ދުވަހު ހިންގާފައިވާ ޙަރަކާތްތަކާއި، ހިންގުމަށް ރާވައި އެކިއެކި ސަބަބުތައް މެދުވެރިވެގެން ހިންގިފައި ނުވާ ޙަރަކާތްތައް ހިމެނިފައިވާނެއެވެ. އަދި ހަމައެއާއެކު ކައުންސިލުން ޢާމްދަނީ ހޯދުމަށް ހިންގާފައިވާ ޙަރަކާތްތަކާއި 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ މާލީ ހިސާބުތަކާއި 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ކުރިއަށް އޮތް 06 މަސް ދުވަހު ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާއި، ފުރަތަމަ 06 މަސްދުވަހު ކައުންސިލުން ނިންމާފައިވާ ނިންމުންތައްވެސް މިރިޕޯޓްގައި އެކުލެވިގެންވާނެއެވެ. މީގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް އައިސްފައިވާ ބަދަލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ބާއްވާފައިވާ ބައްދަލުވުންތަކުން ނިންމާފައިވާ ނިންމުންތަކާއި ކޮމެޓީއަށް ލިބޭ ޢާމްދަނީއާއި ޚަރަދުގެ މަޢުލޫމާތާއި ހަރު މުދަލުގެ މަޢުލޫމާތުވެސް ހިމަނާފައިވާނެއެވެ.
