ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ގުޅިގެން އިންތިޒާމްކޮށްފައިވާ އާބަން ޕްލޭނިންގް އެންޑް ލޭންޑް ޔޫސް ޕްލޭނިންގ ތަމްރީނު ޕްރޮގްރާމެއްގައި މި ކައުންސިލުން ބައިވެރިވެއްޖެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ 21 ޖުލައި 2024 އިން 3 އޮގަސްޓް 2024 އަށް އިންޑިއާގެ ހައިދަރއާބާދުގައެވެ. މި ތަމްރީނު ޕްރޮގްރާމުގައި މި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސީނިއަރ ކައުންސިލް އޮފިސަރ އަޙްމަދު ޝަރީފެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް އާބަން ޕްލޭނިންގ އަދި ބިން ބޭނުންކުރުމުގެ ރޭވުންތެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންނަށް އެ ދާއިރާއިން އިތުރު ހުނަރާއި ތަޖުރިބާ ލިބި، ރަށްރަށުގެ ތަރައްޤީއަށް މުހިންމު ބިންގަލެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
