ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ ”ނާރެސް“ ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މިޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުމުޢިއްޒެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެ އެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި ”އޮޕަރޭޝަން ކުރަނގި“ ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ.“އޮޕަރޭޝަން ކުރަނގި“ ފޭސް 2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.
މިހާރުއައިޑީ ކާޑު ހެދުމަށް އެދި ހުށަހެޅެނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެބަދަލާ އެކު އުމުރުން ދުވަސްވީ ފަރާތްތަކަށް ކާޑު ހެއްދުމުގައި ވަނީއުދަނގޫތަކާ ކުރިމަތިވެފައެވެ. އެފަރާތްތަކަށް ދިމާވެފައިވާ ދަތިކަންފިލުވުމުގެ ގޮތުން މިނިސްޓްރީން ކައުންސިލްތަކާ އެކު ފެށި މަސައްކަތަކީ ނާރެސް ޕޯޓަލް ތައާރަފު ކުރުމެވެ.
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެއެވެ. މާލެ އެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ދިހަ އިނގިލީގެ ނިޝާން ނަގައި ފިންގަ ޕްރިންޓް ޑިވައިސްތަކެއް ހަވާލު ކުރުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން މިނިސްޓްރީން ވަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލުތަކާ ގުޅިގެން ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރު އަލީއިހުސާނެވެ. ލޯކަލް ގަވަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީމިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.





