ފ. ނިލަންދޫ ކައުންސިލްގެ ފަރާތުން ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާ މިއަދު ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު އެމިނިސްޓްރީގައެވެ. މިއަދުގެ ބައްދަލުވުމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފ. ނިލަންދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ އާ ޢިމާރާތް އެޅުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފ. ނިލަންދޫއިން ދޫކޮށްފައިވާ ބިން ހޮސްޕިޓަލްގެ އާޢިމާރާތް އެޅުމަށް ހޯދުމަށާއި، ނިލަންދޫއަކީ ކުށްމަދު އަމާން ވެއްޓެއްގެ ގޮތުގައި ހެދުމަށްޓަކައި ފުލުހުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ އަދި ފުލުހުންގެ މަރުކަޒުގެ އާޢިމާރާތެއް ނިލަންދޫގައި ޤާއިމުކުރުމަށް ބޭނުންވާ މަޝްވަރާތައް ކޮށްފައިވެއެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ މަޖްލީހުގެ ޢިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާއާއި ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމްގެ އިތުރުން ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާއްމު މަސައްކަތްތަކާބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު މުފީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މިކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެރިވެ ލެއްވީ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި ނައިބުރައީސް އިބްރާހީމް މުޙައްމަދާއި ކައުންސިލް މެމްބަރ އަޙްމަދު ސިޔާމްގެ އިތުރުން ކައުންސިލް އަންހެން މެމްބަރ ސަމީރާ އިބްރާހީމެވެ.
