ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން 2024 އޮގަސްޓު 17 ވީ ހޮނިހިރު ދުވަހު ވަނީ ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިން އަދި ގިނަ އަދަދެއްގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ. މިހަރަކާތުގެ ތެރެއިން އާސާރީ ސަރަހައްދުގެ އެކި ދިމަ ދިމާގައި ޖުމްލަ 71 ގަސް ވަނީ އިންދާފައެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.