ފ. ނިލަންދޫގައި މޫދަށް އެރުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސަރަހައްދުގެ ގޮނޑުދޮށާއި މޫދެތެރެ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ. 2024 ސެޕްޓެންބަރު 03 ވަނަ ދުވަހުގައި ކުރިއަށް ގެންދިޔަ ސާފުކުރުމުގެ މިޙަރަކާތުގައި ފ. ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ފ. އަތޮޅު ހޮސްޕިޓަލާއި، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފ.ނިލަންދޫ ފެނަކަ ބްރާންޗްގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއަދުގެ މަސައްކަތް ފެށުމުގެ ކުރިން ފ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުންވަނީ ހެނދުނުގެ ކަސްރަތު ޕްރޮގްރާމް މުވައްޒަފުންނަށް ޖައްސާދީފައެވެ. މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން މޫދަށް އެރޭ ސަރަހައްދުގެ ގޮނޑުދޮށް ހިމެނޭ ސަރަހައްދަށް ޖަމާވެފައިވާ ކުންޏާއި ގަލާއި އަކިރިތައް ނަގައި ސާފުކުރުމާއި މޫދުތެރެއިން ގާތައް ނެގުމުގެ މަސައްކަތްވަނީ ކޮށްފައެވެ. މިމަސައްކަތް ކުރަމުންދިޔައިރު މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެސަރަހައްދަށް އެކިއެކި ފަރުވާ ހޯދުމަށް ހެނދުނުގަޑީގައި މޫދަށް އެރޭ ފަރާތްތަކުންވަނީ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ހެނދުނުގެ ސައި ތައްޔާރުކޮށްދީފައެވެ. މޫދަށް އެރޭ ފަރާތްތަކުގެ އިސްނެންގެވުމަށް ސައިގެ ކަންތައް އިންތިޒާމްކޮށްދެއްވައި އަރަމުން އަންނަ ޅަޒުވާންޖީލަށް ދުވަސްވީ މީހުންގެ ފަރާތުން ދެއްކެވި ނަމޫނާއަށްޓަކައި ނިލަންދޫ ކައުންސިލާ އަދި ނިލަންދޫ ރައްޔިތުންގެ ނަމުގައި ކައުންސިލްގެ ރައީސް އެފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.