ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތައް ބާރުވެރިކޮށް ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ފ. ނިލަންދޫ ޑޭލައިޓް ކުލަބަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ 2024 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:00 ގައި ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ ނިލަންދޫގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކުގެ ތެރެއިން ޑޭލައިޓް ކުލަބަކީ އެންމެ ހިންގުންތެރި އެއްކުލަބުކަމަށާއި، ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވަމުންދާ ކުލަބެއްކަމަށެވެ. ޑޭލައިޓް ކުލަބުގެ ފަރާތުން މިރަސްމިއްޔާތުގައި ބައިވެރިވި އެކުލަބުގެ ރައީސް ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫ ކައުންސިލް އިދާރާގެ ފަރާތުން މިއަދު ކުލަބަށް ހަދިޔާކުރާ ކޮމްޕިއުޓަރ ސިސްޓަމަކީ ކުލަބުގެ އިދާރީ ކަންކަން ރާވާ އިންތިޒާމުކުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި މިކަމަށްޓަކައި ކައުންސިލް އިދާރާގެ ވެރީންނާ މުވައްޒަފުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ކުލަބު ދެމިއޮތްހާ ހިނދެއްގައި ނިލަންދޫގެ ތަރައްޤީއަށް ކުރާ ކޮންމެ ކަމެއްގައި ކުލަބުގެ ބައިވެރިވުން ފެނިގެންދާނެކަމުގައެވެ. މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ވެރީންގެ އިތުރުން ޑޭލައިޓް ކުލަބުގެ ސީނިއަރ މެނޭޖްމަންޓް ވަނީ ބައިވެރިވެފައެވެ.