ފ. ނިލަންދޫ ކައުންސިލް ރެކްރިއޭޝަން ކުލަބު (ފާންކުރި) ގެ ފަރާތުން ކައުންސިލްގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ފާންކުރި މަދަޙަ މުބާރާތް މިނަމުގައި މަދަޙަ މުބާރާތެއް ބާއްވާއިފިއެވެ. މިމަދަޙަ މުބާރާތަކީ މުވައްޒަފުންގެ ހިތްތަކުގައި އިސްލާމީ ވަޙްދަތު ޤާއިމުކޮށް މަދަޙަ ކިޔުމުގެ ފަންނު ދިރުވައި އާލާކުރުމާއި، މަދަޙަ ކިޔުމުގެ ހުނަރުވެރިކަން އިތުރުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރި ގުޅުމެއް ޤާއިމުކުރުމުގެ އިތުރުން ދިވެހި ޅެންވެރިކަމުގެ ދާއިރާއިން ހުނަރުވެރި ބަޔަކު އުފައްދައި އަމިއްލަވަންތަ ރާގުތަކެއް މުޖުތަމަޢަށް އުފަންކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ. 2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެރޭ ކުރިޔަށްގެންދިޔަ މިމުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ފ. އަތޮޅު ކައުންސިލްގެ ލީގަލް އޮފިސަރ ޙައްވާ އަނޫޝާއެވެ. ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޙައްވާ އަނޫޝާ ވިދާޅުވެފައިވަނީ ތަނެއް ކުރިއަރައިދާނީ ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގުޅުން ރަނގަޅުވުމާއި ތަނައި ދޭތެރޭގައި މުވައްޒަފުންގެ ހިތުގައި އޮންނަ ލޯބި އިތުވެގެން ކަމުގައެވެ. އަދި ނިލަންދޫ ކައުންސިލަކީ ރަށުތެރޭގައި ކޮންމެ އިވެންޓެއް ބޭއްވިކަމުގައިވީނަމަވެސް ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އަބަދުވެސް މަސައްކަތްކުރާތަން ފެންނަކަމަށާއި، އެގޮތުން ފާންކުރި މަދަޙަ މުބާރާތަކީވެސް މިއަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
2024 އޮގަސްޓް 28 ވަނަ ދުވަހު އިޢުލާނުކުރެވުނު މިމުބާރާތައް 6 ޑިޕާޓުމަންޓަކުން ވަނީ ބައިވެރިވެފައެވެ. ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ކައުންސިލް މެމްބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މެމްބަރުންގެ ޓީމާއި، މުނިސިޕަލް ސަރވިސް އެންޑް އިންފްރާސްޓްރަކްޗަރ މެނޭޖުމަންޓް ޓީމާއި، އިކޮނޮމިކް އެންޑް ސޯޝަލް ޑިވިލޮޕްމަންޓް ޓީމާއި، ކޯޕަރޭޓް އެފެއާޒު ޓީމާއި، މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމު އަދި ވޭސްޓް މެނޭޖުމަންޓް މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ޓީމު ހިމެނެއެވެ. ވަކި ވަކި މަދަޙަ އަދި ގުރޫޕު މަދަޙަ މި 2 ބައި ހިމެނޭގޮތަށް
2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހުގެރޭ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ހިތްގައިމު މަދަޙަތަކެއް އަޑުއިވިގެންދިޔައިރު މުބާރާތުގެ 1 ވަނަ މަދަޙަ ކިޔުންތެރިއަކީ، ކޯޕަރޭޓް އެފެއާޒު ސެކްޝަން ޓީމުގެ ޔާޝާ ޢަބްދުއްރައްޒާޤުއެވެ. އަދި މުބާރާތުގެ 2 ވަނަ މަދަޙަ ކިޔުންތެރިއަކީ ހަމަ އެ ޓީމުގެ ޙުސައިން ޝާރިފުއެވެ. 3 ވަނަ މަދަޙަ ކިޔުންތެރިއަކަށް ހޮވިފައިވަނީ އިކޮނޮމިކް އެންޑް ސޯޝަލް ޔުނިޓުގެ ޝާބިން އިބްރާހިމްއެވެ. 1 ވަނަ ގުރޫޕް މަދަޙައަކަށް ހޮވިފައިވަނީ ކޯޕަރޭޓް އެފެއާޒު ސެކްޝަނުން ހުށަހަޅައިދިން މަދަޙައަށެވެ. އަދި މުޅިމުބާރާތުން 1 ވަނަ ގުރޫޕަކަށްވެސް ހޮވިފައިވަނީ ކޯޕަރޭޓް އެފެއާޒު ސެކްޝަނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިރޭގައި ދައްކުވައިދިން މަންޒަރުން ޤާނޫނާއި ޤަވާއިދާ ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ސްޓާފުންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ކަށަވަރުވެއްޖެކަމަށެވެ.