ފ. ނިލަންދޫގެ ތާރީޚުގައި ޢުމުރުން އެންމެ ހަގު ޚަތީބެއްގެ ގޮތުގައި، 2024 ސެޕްޓެންބަރު 20 ވީ ހުކުރު ދުވަހު އެރަށު މަސްޖިދުލް ތަހާލުފީގައި އިމާމުވެ ހުކުރު ނަމާދު ކޮށްފައިވަނީ ފ. ނިލަންދޫ / މިނާ، އަޝްކާން އަޙްމަދެވެ.
ސަރުކާރުން ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމްގެ ދަށުން ތަމްރީނު ލިބިގެން ސަނަދު ޙާޞިލްކޮށްފައިވާ އަޝްކާން އަޙްމަދަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރަމުން ގެންދާ ދަރިވަރެކެވެ. އަޝްކާން އިމާމުވެ ހުކުރު ނަމާދު ކުރެއްވިއިރު އުމުރަކީ 13 އަހަރެވެ.
“ މިއީ ނިލަންދޫގެ ތާރީޚުގައިވެސް ވަރަށް މުހިންމު ދުވަހެއް. ޒުވާނުން ދީނީ ކަންކަމާއި މެދު އޮންނަ ލޯބި ފެނުނު ދުވަހެއް. އަޅުގަނޑުމެންގެ އަމާޒަކީ ޒުވާނުންނަށް ދީނީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން. “ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދު ވިދާޅުވިއެވެ.
އަޝްކާން އަޙްމަދު ހުކުރު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނީ މިއީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު ދުވަހެއް ކަމަށާއި، މިކަން ކާމިޔާބު ކުރުމަށް އަޅުގަނޑު ހިތްވަރާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމާ އަދި މި ފުރުޞަތުގައި މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
