ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމާ ވާޒިދް، 18 ސެޕްޓެންބަރު 2024 ގައި މިރަށަށް ވަޑައިގެންފިއެވެ. އެކަމަނާ މިރަށަށް ކުރި ޒިޔާރަތުގައި ވަނީ ރަތްދޫލައިގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް ހޮވިފައިވަނީ 2023 ވަނަ އަހަރު އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 76 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނު އިންތިހާބުންނެވެ. މިމަޤާމަށް އެކަމަނާ އައްޔަނުކޮށްފައިވަނީ 01 ފެބުރުވަރީ 2024 ވަނަ ދުވަހުއެވެ.
މިޒިޔާރަތަކީ އެކަމަނާ ރީޖަނަލް ޑިރެކްޓަރގެ މަޤާމަށް އައްޔަނުކުރުމަށްފަހު ދިވެހިރާއްޖެއަށްވެސް ކުރާ ފުރަތަމަ ރަސްމީ ދަތުރަށްވުމާއެކު، މި ޒިޔާރަތަކީ ވަރަށް ޙާއްސަ ޒިޔާރަތެއް ކަމުގައި ވެގެންދާނެއެވެ. އެގޮތުން، މި ޒިޔާރަތުގައި، ދިވެހިރާއްޖޭގައި އިބްތިދާއީ ޞިއްޙީ ފަރުވާ ހިދުމަތް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ލިބިފައިވާ ތަޖުރިބާ އަދި ކާމިޔާބީ ޙިއްސާ ކުރުމަށް ފ. ނިލަންދޫގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީވެސް އެކަމަނާއެވެ. މި ދަތުރުފުޅުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސްބޭފުޅުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ މިނިސްޓަރ އިސްމާޢިލް ޒާހިރު، އާސަންދަ ކޮންޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާޠިމް، ދަރުމަވަންތަ ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤުގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެވަޑައިގެންފައެވެ.
