ޢިމާރާތްކުރުމާ ބިނާރާއާބެހޭ ވުޒާރާގެ ފަރާތުން 2024 އޮކްޓޫބަރު 23 ގައި ނިލަންދޫއަށް ވަޑައިގެންނެވި ޓީމާ ނިލަންދޫ ކައުންސިލުން ބައްދަލުކޮށްފިއެވެ. މިބައްދަލުކުރެއްވުން އޮތީ 2024 އޮކްޓޫބަރު 24 ވަނަ ދުވަހުގެ ހެނދުނު 10:15 ގައި ނިލަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ. މިބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ނިލަންދޫގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމިނިސްޓްރީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އެކަށީގެންވާ ހަލުވި ސްޕީޑުގައި ކުރިއަށް ނުދާތީ އެކަމުގެ މަޢުލޫމާތު އޮޅުން ފިލުވުމެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ވިދާޅުވީ، ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލައަކީ އޭގެ ޚިދުމަތް ނިލަންދޫ ރައްޔިތުންނަށް ދޭންފެށި ހިސާބުން މިއަދާހަމައަށްވެސް ބޮޑު ތަކުލީފެއްގެ ތެރެއިން ލިބެމުންދާ ޚިދުމަތެއްކަމަށާއި، މިކަމަށް ޙައްލެއް ހޯދުމަށްޓަކައި އެކިފިކުރުތަކުގެ ސަރުކާރާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރުވެސް އެކަމަށް އެއްވެސް ވަރަކަށް ޙައްލެއް ނުލިބި އެކަމުގެ ސަބަބުން ރަށުގެ މީރު ފެންފަށަލަ ހަލާކުވެ، ރަށުގައި ރޯގާބަލިމަޑުކަން އިތުރުވަމުންދާކަމަށެވެ. އަދި ހަމައެއާއެކު އާއްމުންނަށް މަގުމައްޗަށް ނުކުމެ ނޫޅެވޭވަރަށް މަގުތައްމަތިން ނަޖިސްއަރަމުންދާކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު އިތުރަށް ވިދާޅުވީ ނިލަންދޫގައި ފެނުގެ ނެޓްވޯކުގެ ޚިދުމަތް ދިނުމަށް 2017 ވަނަ އަހަރު ބަޔަކާ ޙަވާލުކޮށްފައިވާކަމަށާއި ފ. އަތޮޅުގެ ބާކީއޮތް 04 ރަށުގައި އެޚިދުމަތް ދެމުންގެންދާއިރު ނިލަންދޫއާމެދު އަޅާނުލެވި ދޫކޮށްލާފައި އޮތް އޮތުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އިހުމާލުވެފައިވާ ކަމެއްކަމަށް ދެކޭކަމުގައެވެ. އަދި ހަމައެއާއެކު ނިލަންދޫއަކީ ޕެރަލައިޒް މީހުންނަށް ދިވެހި ފަރުވާދެމުންގެންދާ ރަށެއްކަން ފާހަގަކުރައްވައި، އެފަރާތްތަކުން ފަރުވާ ހޯދުމަށްޓަކައި މޫދަށް އެރޭނޭ ރަގަޅު ސަރަހައްދެއް މިދުވަސްވަރު ނެތުމާއެކު ނިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން އަރޓިފިޝަލް ބީޗެއް ތަރައްޤީކޮށްދެއްވުމަށް އެދިފައިވީނަމަވެސް އެކަންވެސް ކޮށްދެވެން ނެތްކަމަށް ވިދާޅުވެފައިވާ ވިދާޅުވުން އިތުރަށް ހަމަލޮލުން ބައްލަވައި އިތުރަށް ވިސްނާވަޑައިގެން އަރޓިފިޝަލް ބީޗެއް ތަރައްޤީ ކޮށްދެއްވުމަށް މިނިސްޓްރީގައި ޓީމުގެ ފަރާތުން ދެންނެވުމަށް އެދިލެއްވިއެވެ. ރައީސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ނިލަންދޫގައި 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ޖެޓްޖެއްސޭ ފެންވަރަށް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށާއި، ޤައުމުގެ ވަލިއްޔުލްއަމުރު ވިދާޅުވެފައިވާ ވިދާޅުވުން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިނުވާކަމަށްޓަކައި ހިތާމަކުރާކަމުގައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިލަންދޫގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަރާތެއްކަމުގައިވާ ޢަބްދުއްރައްޒާޤް ޙުސައިން ވިދާޅުވީ ނިލަންދޫގެ ނަރުދަމާ ނިޒާމުގެ މައްސަލައަށް އަވަސް ޙައްލެއްގެންނަން ބޭނުންވާކަމަށާއި، އެހެންނަމަވެސް ފެނިގެންދާ މަންޒަރަކީ އަބަދުވެސް ސަރުކާރުގެ ފަރާތުން އެކިއެކި ނަންނަމުގައި ސަރވޭތައް ހަދާ މަންޒަރުކަމަށާއި އެކަންކަމަށް އެއްވެސް ޢަމަލީ މަސައްކަތެއް ފެންނަމުން ނުދާކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ރައްޒާޤު އިތުރަށް ވިދާޅުވީ ނިލަންދޫ ބަނދަރު އަޕްގްރޭޑްގެ މަސައްކަތަކީ 01 އަހަރު ދުވަހުގެ މަސައްކަތަށް އެގްރިމެންޓްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ނަމަވެސް ބަނދަރުގެ މަސައްކަތް ނުނިމި ދިގުލާ މަންޒަރު ފެންނަމުންދާކަމަށާއި، ބަނދަރު ކޮންނަމުންދާއިރުވެސް، ކޮންނަންޖެހޭ ފުންމިނުގައި ކޮންނަމުން ނުދާކަން ފާހަގަކުރައްވައި އެކަންކަންވެސް މިނިސްޓްރީގެ ފަރާތުން ބަލައި ސްޕަވައިޒް ކުރުމަށް އެދިލެއްވިއެވެ. ރައްޒާޤުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ނިލަންދޫގައި ތަރައްޤީ ކުރަމުންގެންދާ އެއަރޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތަކީވެސް 01 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި އެހެންނަމަވެސް މަސައްކަތްކުރަމުންދާ ސްޕީޑަށް ބަލާއިރު 07 މަސްދުވަސް ފާއިތުވެގެންދިޔައިރު މަސައްކަތުގެ %40 ނިމިފައިވާކަމަށް ޤަބޫލުނުކުރެވޭތީ، މަސައްކަތުގެ ކޮންޓްރެކްޓަރާ އިތުރަށް ވާހަކަ ދައްކައި މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް މިނިސްޓްރީގެ ތެރެއިން މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޢަބްދުލްޖަލީލު އަޙްމަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ޙާލަތު ރަގަޅުނުވެ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުންދިއުމުގެ ނަތީޖާއަކީ ހަމުގެ އެކިއެކި ބަލިތަކުގައި ނިލަންދޫއިން ޑޮކްޓަރަށް ދައްކާ މީހުންގެ އާބާދީ އިތުރުވެ އެކިއެކި ރޯގާޖެހިގެން ދައްކާ މީހުންގެ މިންވަރުވެސް އިތުރުވެގެންދާތީ އެކަމާ ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ނިލަންދޫގެ ފެންފަށަލަ އެއްކޮށް ހަލާކުވެފައިވާ ދަނޑިވަޅެއްގައި، ނަރުދަމާ ނިޒާމުގެ މަގުމަތީ ޔުނިޓްތަކުން ނަގާ ނަޖިސްތައް ރަށުގެ ތެރެއަށް ހިނދި އިތުރަށް ފެންފަށަލަ ތަޣައްޔަރުވަމުންދާތީ މިކަމާމެދު މިނިސްޓްރީ ފުންކޮށް ވިސްނާވަޑައިގެން އަވަސް ޙައްލެއް ނަރުދަމާ ނިޒާމަށް ގެނެސްދިނުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
ކައުންސިލް މެމްބަރު ނަޝީދާ ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި ދިރިއުޅުމަށް އަލަށް ދޫކޮށްފައިވާ 65 ގޯއްޗަށް ޔުނިޓްތައް އަޅައިނުދިނުމުގެ ސަބަބުން ވަކިދިރިއުޅުމަކަށް ނުދެވިފައިވާ އެތައް ބަޔަކު ނިލަންދޫގައި ތިބިކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު ވިދާޅުވީ ނިލަންދޫގެ ނަރުދަމާގެ ޙާލަތު ގޯސްވެ ރަށުގެ މައިމަގުގައި އަބަދުވެސް ނަޖިސް އަރާފައި އޮންނަތާ އެތަކެއް އަހަރުތަކެއް ވެފައިވާކަމަށާއި މިކަމުގެ ސަބަބުން ރަށުގައި ރޯގާ ބަލިމަޑުކަން ފެތުރެމުން އަބަދުވެސް ދާކަމަށެވެ. އަދި މިކަމުގައި ކައުންސިލް އިސްވެ އޮވެ ގިނަގުނަ މަސައްކަތްތަކެއް ކުރާކަން އުފަލާއެކު ފާހަގަކުރާކަމަށާއި އެހެންނަމަވެސް އެކުރާ މަސައްކަތައް ރަގަޅު ޙައްލެއްލިބޭނީ މިނިސްޓްރީގެ ތެރެއިންވެސް ރަގަޅު މަސައްކަތެއް ކޮށްދެވިގެންކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޢިމާރާތްކުރުމާ ބިނާރާއާބެހޭ ވުޒާރާގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރ މުޙައްމަދު މުޞްލިޙާއި، އިންޖިނިއަރ ހަސްމާ ސަޢީދުގެ އިތުރުން އިބްރާހީމް ޖަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.
