ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފ. ނިލަންދޫ ކައުންސިލުން އިސްނަގައިގެން، ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން އެވޭލާ ކާބޯތަކެތީގެ މައުރަޒެއް 2024 ނޮވެމްބަރު 11 ވަނަ ދުވަހުގެ ހަވީރު ބާއްވައިފިއެވެ.
މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދެވުނު މި މައުރަޒުގައި ތިން ދާއިރާއަކުން ވަނަ ހޮވާފައިވެއެވެ. އެއީ އެންމެ މީރު ރަހައިގެ ބައިން 1ވަނަ، އެންމެ ގިނަ އައިޓަމް އުފެއްދިބައިން 1ވަނަ، އަދި އެންމެ ދިވެހިވަންތަ ހުށަހެޅުމެވެ. އެންމެ މީރު ރަހަ އަދި އެންމެ ދިވެހިވަންތަ ހުށަހެޅުމުގެ ބައިން 1ވަނަ އިދާރާއަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެންމެ ގިނަ އައިޓަމް ހުށަހަޅައިގެން 1ވަނަ ލިބިފައިވަނީ ފ. ނިލަންދޫ ކައުންސިލް އިދާރާއަށެވެ. މި މައުރަޒުގައި ތައްޔާރުކުރި ތަކެތި ވިއްކައިގެން ފައިސާ ހޯދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު ކައިރީގައި ހުރި ރިސޯޓުތަކުން މި މައުރަޒު ބަލާލުމަށް ޒިޔާރަތްކޮށްފައިވާއިރު މިކަމަކީ މިމައުރަޒަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމަށް ފާހަގަކުރެވެއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިފަދަ ހަރަކާތްތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ވިސްނުން ހުރި ކަމަށެވެ. އަދި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ދާއިރާތަކުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި މައުރަޒުގައި އެވޭލާ ދިވެހި ކާބޯތަކެތީގެ އުފެއްދުންތަކުގެ މުއްސަނދިކަން ދައްކުވައިދިނުމުގެ އިތުރުން، ރަށުގެ އެކި ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މަގުފަހިވި ހަރަކާތެއް ކަމުގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ.
