ރައީސް ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސްއިންދުމުގެ މަޝްްރޫޢުގެ ދަށުން ނިލަންދޫ ކައުންސިލުން އިސްނަގައިގެން ރަށުގެ ދެ ސަރަހައްދެއްގައި ގަސް އިންދުމުގެ ހަރަކާތެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ދުވަހު މިކުރެވުނު މަސައްކަތުގައި ނިލަންދޫ ކައުންސިލް އަންހެން މުވައްޒަފުންވަނީ އަލަށް ހަދާ ފަންނަ މައިޒާނުގައި ބަގީޗާ ގަސްއިންދާފައެވެ. އަދި ނިލަންދޫ ކައުންސިލް ފިރިހެން މުވައްޒަފުންވަނީ ބެންކު ކުރިމަތީ އޮތް ސަރަހައްދުގައި ރުއް އިންދާފައެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ އަދުގެ ރައީސްގެ ރިޔާސީ ވައުދެކެވެ.
އަދި ކުރިއަށް އޮތްތަނުގައި ރަށުގެ އެކި ސަރަހައްދުތަކުގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
