ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވާނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ސަގާފަތެއް އުފެއްދުމަށް ޓަކައި، ’ރަށްވެހީންގެ ސައްލާ‘ ފޯރަމް ފަށައިފިއެވެ.
3 ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. މި ބައްދަލުވުމުގައި މިކައުންސިލްގެ ރައީސް އަލީ އަޙްމަދާއި އެސްޖީ އަލީ ޙައިތަމްގެ އިތުރުން ކައުންސިލް އެގްޒެކްޓިވް މުނީރާ އިބްރާހިމް ވެސް ވަނީ ބައިވެރި ވެފައެވެ.
ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި، ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ، ޕަބްލިކް ޕާޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައް ބައިވެރިކުރުވުން، އިފެކްޓިވް ކޮމިޔުނިކޭޝަން، ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް، ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން، އަދި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުއެވެ.