ފ. ނިލަންދޫ ކައުންސިލް، މޯލްޑިވްސް ނެޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް އަދި ފުޓުބޯޅަ އެޝޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ފ. ނިލަންދޫގައި ފުޓުބޯޅަ އަދި ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ކުރިއަށް ގެންގޮއްސިއެވެ. 10 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި ކޯސް ކުރިއަށް ދިޔައީ 2025ވަނަ އަހަރުގެ ނޮވެމްބަރ 10 އަކުން 19އަށް ފ. ނިލަންދޫ ގޮމަވަތި ހޯލުގައެވެ.
24 ބައިވެރިންނާއިއެކު ކުރިއަށް ދިޔަ މިކޯހުގައި ފ.ނިލަންދޫގެ އިތުރުން ފ.ދަރަބޫދޫ، ފ.ފީއަލީ، ތ.ދިޔަމިގިލި، ގދ.ތިނަދޫ، ދ.މީދޫ އަދި މީގެ އިތުރުން ތ.ގުރައިދޫއިން ވެސް ބައިވެރިން ބައިވެރިވިކަން ފާހަގަ ކުރެވެއެވެ. މިކޯހުގައި ކިޔަވާދެއްވީ އިންސްޓްރަކްޓަރ މުޙައްމަދު އަނީލް އަދި އިސްމާއީލް އިޒްހާން އެވެ.
ފ.ނިލަންދޫ ކައުންސިލުން ރަށުގައި ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް މިކަހަލަ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ރަށުގައި ކުރިއަށްގެންދިޔުމަށް ވަރަށް ބޮޑު އިސްކަމެއެދެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރ މަހުތެރޭގައިވެސް ވަނީ ހޭންޑްބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންގޮއްސައެވެ.
