ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނަރ މުޙައްމަދު ރިޒްވީ، 06 ޑިސެމްބަރ 2025 ވަނަ ދުވަހު، ފ. ނިލަންދުއަށް ވަޑައިން ފ.ނިލަންދޫ ކައުންސިލާއި ރަށުގެ މުޙިއްމު މުއައްޞަސާތަކާއި ބައްދަލުކުރަށްވައިފިއެވެ.
ހައިކޮމިޝަނަރ މިރަށަށް ވަޑައިގަތީ ސްރީލަންކާގެ ސްޕެޝިއަލިސްޓް ޑޮކްޓަރުންގެ ޓީމެއްގެ އެހީގައި މިހިނގާ ޑިސެމްބަރ 22- 23 އަށް ފ.އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭމްޕެއް ބޭއްވުމަށް ހޮސްޕިޓަލުން ތައްޔާރީތައްވަމުން ދަނިކޮށެވެ. މި މެޑިކަލް ކޭމްޕްގައި 7 ޑޮކްޓަރުންނާއި އެކު ޖުމްލަ 15 މީހުން ބައިވެރިވާނެ ކަމަށް މަޢުލޫމާތުލިބެއެވެ.
ކައުންސިލާއި ބައްދަލުކޮށް ދެއްކި ވާހަކަފުޅުގައި ސްރީލަންކާއަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކޮށް އަދު ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.
ކައުންސިލާއި ދެމެދު ދެކެވުނު ވާހަކައިގައި މި ރަށުގެ ކައުންސިލްގެ މުވައްޒަފުންނަށް ކުދި ތަމްރީނު ޕްރޮގްރާމްތައް ލަންކާގެ އެކިއެކި އިންސްޓިޓިއުޓްތަކުން ހޯދައިދިނުމުގައި ހައިކޮމިޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އަދި ރަށުގެ މަގުބައްތިތައް ސޯލާ ހަކަތައް ބަދަލުކުރުމަށް ލުއި ގޮތެއް ކައުންސިލަށް ހޯދައިދިނުމަށް ސްރީލަންކާގެ ކުންފުނިތަކާއި މަޝްވަރާކުރާނެކަމަށް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް އެކިއެކި ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކާއި އަމިއްލައަށް ނަފާހޯދުމަށް އެހީވެދޭނެ ޕްރޮގަރާމްތައް ހިންގުމަށް ސްރީލަންކާއިން އިންސްޓްރަކަޓަރުން ފަސޭހަގޮތަކަށް ނިލަންދޫއަށް ގެނެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.