ފ. ނިލަންދޫގެ ފަންނަ މައިޒާނުގައި ”ފަންނަ ލައިބްރަރީ“ ގެ ނަމުގައި މިނީ އައުޓްޑޯރ ލައިބްރަރީއެއް ހުޅުވައިފިއެވެ. މި ލައިބްރަރީ ހުޅުވާދެއްވީ 08 ޑިސެމްބަރ 2025 ވަނައަށް ވީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައި ހައްދުއްމަތީ ކަލައިދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް އެވެ.
ފަންނަ ލައިބްރަރީއަކީ ފ.ނިލަންދޫ ތަރިވިދާގޭ އަލްމަރުޙޫމާ މަރްޔަމް މޫސާގެ ހަނދާނުގައި 2025 ޑިސެމްބަރު 03 ވަނަ ދުވަހު އޭނާގެ ދަރިކަނބަލުން، ފ. ނިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ އަންހެން މެމްބަރު އަލްފާޟިލާ ނަޝީދާ ޢަބްދުއްރަޙީމް، ފ.ނިލަންދޫ ކައުންސިލަށް ކޮށްފާއިވާ ހަދިޔާއެކެވެ. މި ލައިބްރަރީއަށް ކައުންސިލް މެމްބަރު ނަޝީދާ ޢަބްދުއްރަޙީމް، ޖުމްލަ 100 ފޮތް ކައުންސިލަށް ހަދިޔާކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ލިޔެފައިވާ 60 ފޮތާއި ދިވެހި ބަހުން ލިޔެފައިވާ 40 ފޮތެވެ. މި ފޮތްތަކުގެ ތެރޭގައި ކުޑަ ކުދިން އަދި ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކާއި ތަފާތު މަޢުލޫމާތު އެކުލެވޭ ފޮތްތައް ހުރިކަން ފާހަގަ ކުރެވެއެވެ.
ކައުންސިލުން އެދެނީ މި ލައިބްރަރީ، ބޭނުންކުރާ ފަރާތްތަކުން ވީހާވެސް ޒިންމާދާރުގޮތެއްގައި ގިނަ ދުވަހަށް ދެމިހުންނާނެ ގޮތައް މި ލައިބަރަރީ ބޭނުންކުރުމެވެ. މިލަބްރީރަށް ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮތްކަން ފާހަގަކުރަމެވެ. މިފަދަ ލައިބްރަރީތައް ރަށުގެ މީހުން ޖަމާވެ އުޅޭ ހިސާބުތަކުގައި ބެހެއްޓުމަކީ ކައުންސިލްގެ އަމާޒެކެވެ.
