ކުރިއަށް އޮތް އަތޮޅު ފުޓްސަލް ލީގުގައި ބައިވެރިވާ ނިލަންދޫ ފުޓްސަލް ޓީމާއެކު، ފ. ނިލަންދޫ ރަށު ކައުންސިލުން މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މުބާރާތަށް ތައްޔާރުވުމާއި ޓީމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ.
ބައްދަލުވުން ފަށްޓަވައިދެއްވަމުން ކައުންސިލްގެ ނައިބު ރައީސް ވަނީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ އިތުރުން ރަށުގެ އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގައި ޒުވާނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ކައުންސިލުން ނުހަނު ބޭނުންވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކައުންސިލް މެންބަރު ޝާދިޔާ ޢަބްދުލްޙަކީމް، ރަށުގެ ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ގުޅޭ ކަންކަމުގައި ކައުންސިލްގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާން ކައުންސިލުން ކަނޑައަޅާފައިވާ ކައުންސިލަރަކީ ޝާދިޔާކަން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންގެ ކަންކަމުގައި ކައުންސިލުން އަބަދުވެސް ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ޓީމުގެ ފަރާތުން ވާހަކަދައްކަމުން ޢަބްދުލް މުޙްސިން ޙަމީދު ވަނީ ކުރިއަށް އޮތް ފުޓްސަލް ލީގާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ކައުންސިލާ ހިއްސާކޮށްފައެވެ. އެގޮތުން މި މުބާރާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އަތޮޅު ބުރެއްގެ ގޮތުގައިކަމާއި އަދި އަތޮޅު ބުރަށްފަހު ދެން އޮންނާނީ ޒޯން ބުރުކަމަށް ވިދާޅުވިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފީ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ މަހުގެ 14 ވަނަ ދުވަސްކަމާއި އަދި މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ގައި ކަން ފާހަގަކުރެއްވިއެވެ. މި އަތޮޅު މުބާރާތް ކުރިއަށްދާނީ ’ހޯމް އެންޑް އަވޭ‘ އުޞޫލުންކަމަށް ލަފާކުރާކަމަށާއި އަދި ކަނޑައެޅިގެން ވަކިގޮތެއް އަންގާފައިނުވާ ކަމަށް ދެންނެވިއެވެ. ޢަބްދުލް މުޙްސިން ފާހަގަކުރެއްވި ގޮތުގައި، ޓީމުން މިހާރު ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފަށާފައެވެ. އަދި މުބާރާތުގެ އަތޮޅު ބުރުގައި ކޮންމެ ޓީމަކަށްވެސް ބޭރު ގައުމެއްގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުޞަތު އޮތުމުން، އެކަމާ ގުޅޭގޮތުންވެސް ކައުންސިލާއެކު ވަނީ މަޝްވަރާކޮށްފައެވެ.
މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ ބަޖެޓާއި ހިންގުމުގެ ޕްރޮޕޯޒަލް ޓީމުގެ ފަރާތުން ވަނީ ކައުންސިލަށް ހުށަހަޅާފައެވެ. މިގޮތުން ދަތުރުފަތުރުގެ ޚަރަދާއި، ޖާޒީ އަދި ކުޅިވަރު ސާމާނު ހޯދުމާއި، މުބާރާތުގައި ބައިވެރިވުމުގެ ފީގެ އިތުރުން ޕްރެކްޓިސް ޚަރަދުތަކާއި އެހެނިހެން ބޭނުންވާ ތަކެތި ހޯދުމުގައި ކައުންސިލްގެ އެހީތެރިކަމަށް ޓީމުން ވަނީ އެދިފައެވެ. މީގެއިތުރުން، ޒޯން ބުރު ނިލަންދޫގައި ހޯސްޓްކުރުމަށް ޓީމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، އެ މުބާރާތް ރަށުގައި އިންތިޒާމުކޮށް ހަމަޖެއްސުމުގައި ކައުންސިލްގެ އެއްބާރުލުމަށް ވަނީ އެދިފައެވެ.
ނިލަންދޫ ކައުންސިލުން، ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ކައުންސިލުން ކުރެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމަށާއި، ޓީމުން ހުށަހެޅި ޕްރޮޕޯޒަލް ދިރާސާކޮށް، އެކަންކަމުގައި އެދެވޭ ޖަވާބެއް ދެއްވާނޭކަމުގެ ޔަގީންކަން ދެއްވިއެވެ.
