މިދުވަސްވަރު ރަށުގައި ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަލް ހުމުގެ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފ.ނިލަންދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކައުންސިލްގެ އިތުރުން ރަށު ސްކޫލާއި ފ. އަތޮޅު ހޮސްޕިޓަލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުން ފައްޓަވައިދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރޯގާ ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެކުގައި ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުން ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ކައުންސިލްގެ ކުނި މެނޭޖުކުރާ ވެހިކަލްތަކުގައި ލައުޑްސްޕީކަރުތައް ބޭނުންކޮށްގެން ރަށުތެރޭގައި އަޑުގަދަކޮށް ހޭލުންތެރިކަމުގެ މެސެޖުތައް ދިނުމުގެ އިންތިޒާމު ކައުންސިލުން ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްގެ ފަރާތުން ބައިވެރިވެވަޑައިގަތް ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުއްރަޝީދު އަޙްމަދު ވިދާޅުވީ، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ މީހުން އެއްވެއުޅޭ ހަރަކާތްތަކާއި އެއްވުންތަކާ ދުރުހެލިވުން މިވަގުތަށް ވަރަށް މުހިންމު ކަމަށެވެ. އަދި މިކަމަށް ސަމާލުކަން ދިނުމަށް ރަށުގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދުމަށް އެދުނެވެ.
މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ މެނޭޖަރ ހެލްތު ސަރވިސަސް ޢަބްދުލްޖަލީލް އަޙްމަދު ވިދާޅުވީ، މިދުވަސްވަރަކީ ސްކޫލްގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރަކަށް ވާތީ، ދަރިވަރުން ކްލާސްތަކަށް ވަނުމުގެ ކުރިން ހުން ބެލުން ފަދަ (ޕްރިލިމިނަރީ) ޗެކަޕްތައް ހެދުމުގައި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސްކޫލަށް ފޯރުކޮށްދޭނެ ކަމަށެވެ. މިއީ ސްކޫލް މާހައުލުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި ރޯގާއާ ގުޅޭގޮތުން ފާފު އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުން ޝުޢައިބު އިސްމާޢީލް ވިދާޅުވީ، މިއީ ހަމައެކަނި މި ރަށުގައި އޮތް ހާލަތެއް ނޫން ކަމަށާއި، މުޅި ރާއްޖޭގައިވެސް މިދުވަސްވަރު ރޯގާ ފެތުރެމުންދާ ކަމަށެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި މެނުވީ ގިނަ މީހުން އެއްވާ އެއްވުންތަކާއި އާންމު ހަރަކާތްތައް އެއްކޮށް ހުއްޓާލުމަށް އޭނާ ވަރަށް ބޮޑަށް ބާރުއެޅުއްވުމަށް އެދުނެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދިނުމަށް އަންނަނިވި އިރުޝާދުތައް ދެއްވާފައެވެ:
- މާސްކު އެޅުމާއި އަތްދޮވުން: ބަލިން ރައްކާތެރިވުމަށް އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުން.
- ކުރީކޮޅު ޑޮކްޓަރަށް ދެއްކުން: ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ރައްޔިތުން ބަލީގެ ކުރީކޮޅު ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަށް ހިތްވަރުދިނުން.
- ގޭގައި މަޑުކުރުން: އެއްވެސް ކަހަލަ ބަލީގެ އަލާމާތެއް ހުރިނަމަ ބޭރަށް ނިކުމެ އުޅުން ހުއްޓާލައި ގޭގައި މަޑުކުރުން.
- ބަލިމީހުންނަށް ޒިޔާރަތް ނުކުރުން: ހޮސްޕިޓަލަށާއި ގޭގޭގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރުން މިދުވަސްވަރު އެއްކޮށް ހުއްޓާލުން.
މި ބައްދަލުވުން ނިންމާލާފައިވަނީ ރަށުގެ އެންމެހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން، ފަރުދީ ޒިންމާ އަދާކޮށްގެން މި ރޯގާއިން ރަށާއި ރައްޔިތުން ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކުރަމުންނެވެ.
