ފ. ނިލަންދޫގައި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށާއި، ކަސްރަތު ކުރުމުގެ ރަނގަޅު އާދަތައް މުޖުތަމައުގައި އަށަގަންނުވައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި 45 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ ކަސްރަތު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ނިލަންދޫ ކައުންސިލާއި، ފ. ނިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފ. ނިލަންދޫ ޕޮލިސްގެ އިތުރުން ފާފު އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މި ރަށުގެ 130 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އެކި އުމުރުފުރާގެ މީހުންނާ ގުޅޭގޮތަށް، ތަފާތު ތިން ބާވަތެއްގެ ކަސްރަތު ހިމެނޭ ގޮތަކަށެވެ. އެގޮތުން މޫދު ކަސްރަތުތަކާއި، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފޯރިގަދަ ޒުމްބާ ސެޝަންތަކުގެ އިތުރުން ހަށިގަނޑުގެ ވަރުގަދަކަން އިތުރުކުރުމަށް ދަނޑުމަތީގައި ކުރިއަށްގެންދާ އަމަލީ ކަސްރަތުތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިތުރުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ތިއަރީ ކްލާސްތަކެއްވެސް މުޅި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށްދާނެއެވެ.
ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ، އުފާވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ކޮންމެ އިންސާނަކަށްވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ދިގު މުއްދަތަކަށް ދެމިގެންދާ ބޮޑެތި ބަލިތައް ކަމުގައިވާ ހަކުރުބައްޔާއި، ލޭގެޕްރެޝަރާއި، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތު ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
