ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

ފ. ނިލަންދޫގައި ކެންސަރު ބައްޔައަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

ފ. ނިލަންދޫ ކައުންސިލާއި، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަނާއި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ނިލަންދޫގައި ކުރިއަށްގެންދިޔަ ކެންސަރު ބަލިއަށް ސްކްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމް ބޮޑު ތަރުޙީބަކާއެކު ނިންމާލައިފިއެވެ. މި އޮގަސްޓު މަހުގެ 19 އިން 22 އަށް ކުރިއަށްދިޔަ މި އިވެންޓުގެ ދަށުން ނިލަންދޫގެ ޖުމްލަ 350 މީހުން ވަނީ ކެންސަރު ބައްޔަށް ސްކްރީން ކުރެވިފައެވެ

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ހައިކޮމިޝަނަރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސޫލް ލޯދީ އެވެ.

ޕާކިސްތާނު ހައިކޮމިޝަނުން މި ޕްރޮގްރާމް ރޭވުމާއި އިންތިޒާމުކުރުމުގައި ވަރަށް އިސްރޯލެއް އަދާކުރައްވާފައިވާއިރު، އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު ވަނީ ދިވެހިރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޕާކިސްތާނު ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުމުގެ ތެރެއިން މިފަދަ އިޖުތިމާއީ އަދި ސިއްޙީ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު އަރުވައެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި އަވަހަށް ބަލި ދެނެގަތުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ދެ ސެޝަނެއް އޮގަސްޓު 20 ވަނަ ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އާންމު ރައްޔިތުންނަށް ޚާއްޞަ ސެޝަން ”ގޮމަވަތި ހޯލް“ ގައި ބޭއްވުނުއިރު، ދަރިވަރުންނަށް ޚާއްޞަ ސެޝަން ކުރިއަށްދިޔައީ ނިލަންދޫ މަލްޓިޕާޕަސް ހޯލްގައެވެ.

އޮގަސްޓު 20 އިން 22 އަށް ފާފު އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދިޔަ މި ސްކްރީން ކުރުމުގެ ހަރަކާތުގައި މައިގަނޑު 5 ބާވަތެއްގެ ކެންސަރަށް ސާމްޕަލްތަކާއި ބަލިތައް ދެނެގަތުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެއީ:

  • އުރަމަތީގެ ކެންސަރު
  • އަނގަޔާއި ކަރުތެރޭގެ ކެންސަރ
  • ރަހިމުގެ ކެންސަރ
  • ޕްރޮސްޓޭޓް ކެންސަރ
  • ކޮލޮރެކްޓަލް ކެންސަރު

ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި، ޕާކިސްތާނު ހައިކޮމިޝަނާއި ކެންސަރ ސޮސައިޓީގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަކީ މި ޕްރޮގްރާމް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނު މައިގަނޑު ސަބަބެވެ. އަދި ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭރުގެ އިދާރާތަކާ ގުޅިގެން މިފަދަ މުހިންމު ހަރަކާތްތައް ކުރިއަށްއޮތް ތަނުގައިވެސް ރޭވުމަށް ކައުންސިލުން ވަނީ އަމާޒުހިފާފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ

Secretariate of the Nilandhoo Council, North Nilandhe Atholhu

6740016